27 Jan 2019, 21:37
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލުނު ކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ނިންމި 12 މެމްބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅުނު މެމްބަރުންނަށް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް އެ ޕާޓީގެ ޓިކެޓް ދިނުމަށް ނިންމައިފި އެވެ.
އެއް އަހަރު ދުވަހަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން އިން ނިންމި ބާތިލް ކަމަށްސްޕްރީމް ކޯޓުން ވަނީ މިދިޔަ އޮކްޓޯބަރު މަހު ހުކުމްކޮށްފައެވެ. އަދި ވަކިވަކިން އެ މެމްބަރުންގެ ގޮނޑިތައް ނުގެއްލޭ ކަމަށް ނިންމާފައެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް މިރޭ "ސަން" އަށް ވިދާޅުވީ، އެ 12 މެމްބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީ އާ ގުޅުނު މެމްބަރުންނަށް ޕްރައިމަރީ އަކާ ނުލާ ޖުމްހޫރީ ޕާޓީގެ ޓިކެޓް ދިނުމަށް އެޕާޓީގެ ކައުންސިލުން މީގެ ކުރިން ވަނީ ނިންމާފައި ކަމަށެވެ.
އޭރުގެ އިދިކޮޅު ކޯލިޝަނަށް ރިޔާސީ އިންތިހާބު ކާމިޔާބު ވުމަށް އެ 12 މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ވަނީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
ބާރަ މެމްބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅުނު ހަތް މެމްބަރުން:
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
- މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
- ހަނިމާދޫ ދާއިރާގެ މެންބަރު ހުސެން ޝަހުދީ
- ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ)
- ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު
- ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފު
- ފުވައްމުލަކު އުތުރު ދާއިރާ މެމްބަރު އަލީ ޝާހް
އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި އެ ހަތް މެމްބަރުން ވާދަ ކުރައްވަނީ ކޮން ދާއިރާ ތަކެއް ކަމަށް އަދި ސާފެއް ނުވެއެވެ.
ޖުމްހޫރީ ޕާޓީން އެ ހަތް މެމްބަރުންނަށް ޓިކެޓް ދިނުމަށް ނިންމި އިރު، ކޯލިޝަން ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނޭ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު މީގެ ކުރިން ވިދާޅުވެފައި ވަނީ ގޮނޑި ގެއްލުނު ކަމަށް ނިންމި ހުރިހާ މެމްބަރުންނަށް ޕްރައިމަރީ އަކާ ނުލާ ކޯލީޝަން ޓިކެޓް ދިނުމަށް ކޯލިޝަންގެ ލީޑަރުން އެއްބަސް ވެފައިވާ ކަމަށެވެ.