ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ޕާޓީއެއް ކަމަށާއި އެޕާޓީން ދަމަހައްޓާނީ އެމަނިކުފާނުގެ ސިޔާސަތު ކަމަށް، މިރޭ އެޕާޓީގެ ވަގުތީ ރައީސަކަށް އިންތިޚާބުވި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އެ ޕާޓީ އުފެއްދުމަށް އިސްނެންގެވީ ރައީސް ޔާމީން ކަމަށާއި ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަށް ދަނީ އެމަނިކުފާނުގެ އެއްބާރުލުމާއި އެހީތެރިކަމާއި އަދި ލަފާފުޅާއެކު ކަމަށެވެ.

"މި ޕާޓީ އަކީ ޚުދު ރައީސް ޔާމީންގެ ޕާޓީ. މި ޕާޓީ އުފެއްދުމުގައި ހުރިހާ ވިސްނުންފުޅަކާއި ހުރިހާ ހިޔާލުފުޅެއް އަޅުގަނޑުމެންނާ ހަމައަށް ތިލަކޮށްދެއްވި ބޭފުޅަކީ ރައީސް ޔާމީން. މި ޕާޓީގެ ފިކުރަކީ ރައީސް ޔާމީންގެ ފިކުރު. މި ޕާޓީން ދަމަހައްޓާނީ، ރައީސް ޔާމީންގެ ސިޔާސަތު،" ރައީސް ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދުރޭ: އެނާ ވިދާޅުވީ، އެ ޕާޓީއަކީ ރައީސް ޔާމީންގެ ޕާޓީއެއް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް ކަންވެސް ކުރެއްވި އަދުރޭ ވިދާޅުވީ، ކޮންގްރެސް ޕާޓީ މަސައްކަތް ކުރައްވާނީ، ރައީސް ޔާމީން ރައީސް ކަން ކުރައްވަމުން ގެންދަވާ އިދިކޮޅު މައި ޕާޓީ ޕީޕިއެމްއާ ގުޅިގެން "އެކީ އެއް ޕާޓީ" އެއްގެ ގޮތުގައި ކަމަށެވެ.

ކޮންގްރެސް ޕާޓީ އާ ޕީޕީއެމްއާ ގުޅިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކާމިޔާބު ކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގައި ހިނގާ ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލައާއެކު އެޕާޓީގެ މިލްކުވެރި ކަމާމެދު ސުވާލު އުފެދި، ގިނަ ދުވަސްތަކެއް ވުމުން ސިޔާސީ ޕްލެޓްފޯމެއްގައި މަސައްކަތްކުރުމަށް، އާ ޕާޓީ އެއް ހެދުމަށް މަޖުބޫރުވީ ކަމަށް އަދުރޭ ވިދާޅުވީއެވެ.

"ޕީޕީއެމްގެ މިލްކުވެރިފަރާތަކީ ކޮބައިކަން ނޭނގި ގިނަ ދުވަސްތައް ވުމުން، އަޅުގަނޑުމެންނަށް މަޖުބޫރުވީ، ސަރުކާރު ޖަވާބުދާރީ ކުރުވާނެ އާ ސިޔާސީ ޕްލެޓްފޯމެއް ހޯދަން. އެކަން ކުރެވެން އޮތީ، ޕާޓީއެއް އުފައްދައިގެން ކަމަށް ރައީސް ޔާމީނަށް ފެނިވަޑައިގެންނެވި ހިނދު، އެމަނިކުފާނުގެ ލަފާފުޅާ އެކު އަޅުގަނޑުމެން އިސްނެގީ އެ މަސައްކަތަށް،" ދާދި ފަހަކާ ޖެހެންދެން ޕީޕީއެމްގެ ނައިބު ރައީސްއެއްގެ ގޮތުގައި ހުންނެވި އަދުރޭ ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންގްރެސް ޕާޓީން މަސައްކަތްކުރާނީ ސައްތައިން ސައްތަ މުސްލިމް، މިނިވަން ގައުމެއްގެ ގޮތުގައި ދިވެހި ގައުމު ބިނާ ކުރަން ކަމަށް އަދުރޭ ވިދާޅުވި އެވެ.

ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ ވަގުތީ ނައިބު ރައީސުންގެ ގޮތުގައި އިންތިހާބު ކޮށްފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އެޕާޓީއާ މިއަދު ގުޅިވަޑައިގެންވިކަމަށް އަދުރޭ އިއުލާން ކުރެއްވި އެވެ. އެއީ ބާރަށު ދާއިރާ މެމްބަރު އިބްރާހިމް ޝުޖާއު އާއި ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދެވެ.

އެ ޖަލްސާގައި 40 މީހުން ހިމެނޭ ވަގުތީ ހިންގާ ކޮމެޓީ އެއްވެސް ވަނީ އިންތިހާބު ކޮށްފައެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ. އަދި ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.