27 Jan 2019, 19:50
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އޯޕަންޑޭއެއް އެ ޔުނިވާސިޓީގެ ހުރިހާ ކެމްޕަސްއެއްގައި ބާއްވަން ނިންމައިފިއެވެ.
އެމްއެންޔޫއިން ބުނީ އެ ޔުނިވާސިޓީގެ އޯޕަން ޑޭ މާދަމާ ކުރިއަށް ގެންދާނީ ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަަށަކުން ދިހައަކަށް ކަމަށެވެ.
އެމްއެންޔޫއިން ބުނީ އެ އޯޕަންޑޭ ގައި އޭ ލަވަލް އަދި އޯ ލެވެލް ސެޓްފިކެޓާއި އައިޑީކާޑު ގެނައުމުން، ޝަރުތު ހަމަވާ ދަރިވަރުންނަށް ވަގުތުން ކޯސްތަކަށް ރަޖިސްޓްރީކޮށްދޭނެ ކަމަށެވެ.
އޯޕަން ޑޭ ކުރިއަށް ދާއިރު ދަރިވަރުންނަށް ކެރިއާ ގައިޑެންސް ދިނުމާއި އަދި އެކި ފެކަލްޓީގެ ޕްރެޒެންޓޭޝަންތައްވެސް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޔޫއިން ބުންޏެވެ.
މާލޭގެ އިތުރުން އެމްއެންޔޫގެ ކެމްޕަސްތައް ރާއްޖޭގެ ހަތަރު ސަރަަހައްދެއްގައި ހުރެއެވެ. އޭގެ ތެރޭގައި ސ. ހިތަދޫ، ލ. ގަން، ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫ ކެމްޕަސް ހިމެނެއެވެ.
އެމްއެންޔޫއިން މިހާރުވެސް ދަނި ގިނަ އަދަދެއްގެ ކޯސްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވަލް އިން ފެށިގެން ގޮސް ޑިގްރީ، މާސްޓާސް އަދި ޕީއެޗްޑީ ކޯސްތައް ހިމެނެއެވެ.