27 Jan 2019, 19:25
އެމްއެމްއޭ ކައިރީގައި އޮންނަ އެމްޓީސީސީގެ ކުރީގެ ހެޑް އޮފީސްގެ އިމާރާތް ވަގުތީ ޕާކިން އޭރިއާއަކަށް ހަދަން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް "ސަން" އަށް ވިދާޅުވީ އެ ބިން ވަގުތީ ޕާކިން އޭރިއާއަކަށް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ގާތް ގަނޑަކަށް ނިމިފައިވާ ކަމަށެވެ.
" މި ހަފްތާގެ ތެރޭގައި އެތަން ޕާކިންއަށް ހުޅުވާލެވޭތޯ މިހާރު މަސައްކަތް ކުރަމުން މިގެންދަނީ. އެތަނުގެ ބިއްދޮށުގައި ހުރި އިމާރާތް ކުޑަކޮށް މަރާމާތު ކުރަން އެބަ ޖެހޭ" އޭނާ ވިދާޅުވިއެވެ.
ޕާކިންއަށް ހުޅުވާލާ ސަރަހައްދަކީ މިހާރުވެސް ވަރަށް ކާރުބާރު ބޮޑު ސަރަހައްދެކެވެ. އެ ސަރަހައްދުގައި ސައިކަލްތައް ޕާކް ކޮށް ތޮއްޖެހިފައި އޮތުމުގެ ސަބަބުން ގިނަ ބަޔަކަށް މިހާރުވެސް އޮންނަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ.
މާލޭގައި ދުއްވާ އުޅަނދުތައް ޕާކްކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލްއިން މިހާރުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންވެ. އެގޮތުން ކުރިން ޕެލެޓްތައް ޖަހާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އޭގެ ބަދަލުގައި ދުވާރު ކައިރީ ރޭމްޕްތައް ހެދުމަށް ސިޓީ ކައުންސިލްއިން މިހާރު ދަނީ މަަސައްކަތް ކުރަމުންނެވެ.