27 Jan 2019, 16:48
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މަނީލޯންޑަރިންގެ ކުށް، ކުރެއްވި ކަމުގެ ހެކި ހިމެނޭ ކަމަށް ބެލެވޭ ލިޔެކިޔުންތައް ލިބިފައިވާތީ އެ ލިޔުންތައް ފުލުސް އޮފީހަށާއި އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
މިއަދު އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަދީބާއި، ކުރީގެ ސަރުކާރުގެ އެހެނިހެން އިސްވެރިންނާއި، އަދިވެސް އެހެނިހެން ފަރާތްތައް ހިމެނޭ ގޮތަށް މަނީ ލޯންޑްރިން ހިންގި ކަމުގެ ހެކި ހިމެނޭ ލިޔުންތަކެއް އެމްޑީޕީއިން އެ އޮފީހާ ހިއްސާ ކޮށްފައިވާ ކަމަށެވެ.
އެމްޑީޕީން ހުށަހެޅި ލިޔުންތަކަކީ ޔާމީނާއި އަދީބުގެ މޯބައިލް ފޯނުތަކެއްގައިވާ ޑޭޓާ އެނަލައިޒްކޮށްގެން ބައިނަލްއަގްވާމީ ފްރޯޑް އިންވެސްޓިގޭޝަން ފާމަކުން ތައްުޔާރު ކުރި ރިޕޯޓަކާއި އެއާ ގުޅޭ ލިޔުންތަކެއް ކަމަށެވެ. އަދި އެއީ އިނގިރޭސިވިލާތުގެ ހޯމް އޮފީހުން ހުއްދަދީފައިވާ ޑޭޓާ ރިކަވަރީ އެންޑް އިންޓެލިޖެންސް ކުންފުންޏަކުން ފޮރެންސިކް އިމޭޖިން ހަދާފައިވާ ޑޭޓާތަކެެއް ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.
އެ ލިޔުންތައް އެ އޮފީހުން ބެލި ބެލުމުން، މަނީ ލޯންޑްރިންގެ އިތުރުން، ރިޝްވަތާއި ކޮރަަޕްޝަންގެ އަމަލުތައް ކަމަށް ބެލެވޭ އަމަލުތައް ހިންގާފައިވާ ކަމަށް ބެލެވޭތީ އެ ލިޔުންތައް އެސެޓް ރިކަވަރީ ކޮމިޝަނަށް މި މަހުގެ 15 ވަނަ ދުވަހު ފޮނުވާފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި ފުލުހަށް ވެސް އެ ލިޔުންތައް ފޮނުވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް ޔާމީނަށް ތުހުމަތު ކުރާ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން މިހާރު ވެސް ބަލަމުން އަންނަ އިރު އެކި ފަހަރު މަތިން ސުވާލު ކުރުމަށް އެމަނިކުފާނު ވަނީ ފުލުހަށް ހާޒިރު ވެސް ކޮށްފަ އެވެ.