27 Jan 2019, 16:36
ވެސްޓާން އޮސްޓްރޭލިއާގެ ފުލުހުންގެ ސްޓްރެޓިޖިކް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާ ރިޓަޔަޑް ސީނިއާ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިބްރާހިމް ލަތީފްގެ އަގު ވަޒަންކޮށް މެޑަލް ދީފި އެވެ.
ވެސްޓާން އޮސްޓްރޭލިއާގެ ޕޮލިސް ފޯސްގައި ދިހަ އަހަރު ހިދުމަތްކޮށްފައި ވާތީ އެކަމުގެ އަގު ވަޒަންކޮށް ލަތީފަށް މެޑަލް ދެއްވީ އެ ސްޓޭޓުގެ ޕޮލިސް ކޮމިޝަނަރު ކްރިސް ޑޯސަން އެވެ.
އެކަމާ ގުޅިގެން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ދިހަ އަހަރު ހިދުމަތް ކުރުމުގެ މެޑަލް ލިބުމަކީ، ލިބުނު ފަހުރެއް ކަމަށާއި ޝަރަފެއް ކަމަށެވެ. އަދި ރާއްޖޭގެ ފުލުހުންގެ ސްލޯގަން ކަމުގައިވާ "ޕްރޮޓެކްޓް އެންޑް ސާވް" އަށް އިޝާރަތް ކުރައްވައި ހިދުމަތުގައި ދެމި ހުންނަވާނެ ކަމަށް ވެސް ލަތީފު ވަނީ ވިދާޅުވެފަ އެވެ.
Alhamdhu Lillah. It was a great honour and a privilege receiving 10 years, Dedicated Service Medal from the Commissioner Chris Dawson, WA Police - 25 January 2019. Grateful to have spent three decades in the service of people - continuing Insha Allah, to protect and serve.pic.twitter.com/v6LlsSnAK5
— Ibrahim Latheef (@ibrahimlatheeff)January 27, 2019
އޮސްޓްރޭލިއާގައި ދިރިއުޅުއްވަމުން ގެންދެވި ނަމަވެސް ލަތީފް ދޭތެރެ ދޭތެރެ އިން ރާއްޖެ ވަޑައިގަންނަވަ އެވެ. އެގޮތުން ވެސްޓަން އޮސްޓްރޭލިއާ ޕޮލިސްގެ ޑެޕިއުޓީ ކޮމިޝަނަރު ގްރީ ޑްރަބަގްސް އާ އެކު 2016 ވަނަ އަހަރު ވެސް ލަތީފް ރާއްޖެ ވަޑައިގަތެވެ.
ލަތީފް ވަނީ 1999 ވަނަ އަހަރު އިނގިރޭސިވިލާތުގެ ލެސްޓާ ޔުނިވަސިޓީގައި މާސްޓާސް އޮފް އާޓްސް އިން ސޯޝަލް ސައިންސް ފުރިހަމަ ކުރައްވައިފަ އެވެ. އަދި ވެސްޓާން އޮސްޓްރޭލިޔާގެ އެޑިތު ކުއާން ޔުނިވަސިޓީގައި 1997 ވަނަ އަހަރު އޭނާ ވަނީ އެސޯސިއޭޓް ޑިގްރީ އޮފް ސޯސަލް ސައިންސް ފުރިހަމަ ކުރައްވައިފަ އެވެ.
ފުލުހުންގެ ތަފާތު ދާއިރާތަކުގައި 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމާ ގުޅިގެން 2007 ވަނަ އަހަރު ސަރުކާރުން ވަނީ ލަތީފަށް ޕެންޝަން ދެއްވައިފަ އެވެ.