06 Oct 2011, 18:26
މަޝްހޫރު ގާރީ، މ. ޑްރީމީލައިޓް ޙުސައިން ތައުފީގުގެ މައްޗަށް އޮރިޔާން ކާޑުގެ ދައުވާ އުފުލައި މިއަދު ކޯޓަށް ހާޒިރުކޮށް ޝަރީއަތް ފަށައިފި އެވެ.
ނޫސްވެރިން ނުވައްދައި ޝަރީއަތް ހިންގާ އެ މައްސަލައާބެހޭ ގޮތުން ކްރިމިނަލް ކޯޓުން މިއަދު ބުނީ ގާރީގެ ތައުފީގުގެ މައްޗަށް އޮރިޔާން ކާޑުގެ ދައުވާ އުފުލީ އޮގަސްޓް17، 2010 ދުވަހު ގިނަ ޢަދަދެއްގެ ކުޑަކުދިންތަކަކާއިމެދު ބަދުއަހުލާގީ ޢަމަލު ހިންގާކަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި ފުލުހުން، ޑްރީމީބީޗް ފާސް ކުރި އިރު އޭނާގެ ކޮޓަރިން ފެނުނު ތަކެތީގެ ތެރޭގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯތަކަކާއި ވީޑިއޯ ފެނިފައިވާތީ ކަމަށެވެ.
ތައުފީގުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނުގެ ހަތަރު ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ އެޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުންނެވެ.
އިމާމުވެ ހުކުރު ކުރައްވާ ގާރީ، މިދިއަ އަހަރު ހައްޔަރުކޮށްފައި ވަނީ ގިނަ އަދަދެއްގެ ކުދިންނާ އެކު ބަދު އަހުލާގީ އަމަލު ހިންގާފައިވާ ކަމުގެ ތުހުމަތުގަ އެވެ.
"ތަޖުވީދު މަގަށް ގުރުއާން ކިޔެވުން" އެ ނަމުގައި ޓީވީން ގެނެސްދިން ޕްރޮގްރާމާއި "ހޭޔަންބޯ ނަސޭހަތުގެ ބަސްކޮޅަ"ށް އަޑު އަޅައި ދޭ، ހަތް ގިރާއަތަށް ކިޔަވާ ގާރީއާ ގުޅޭ ޝަކުވާތަކެއް ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލަކުން އަމަލު ކުރުމުގެ ގާނޫނުގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން ކުއްޖެއްގެ ގައިގައި އަތްލައިފި ނަމަ ނުވަތަ އެފަދަ އަމަލެއްގައި ކުއްޖަކު ބައިވެރިކޮށްފި ނަމަ އެއީ ކުށެއް ކަމަށާއި އެ ކުށް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށެވެ. އަދި ބުނަނީ ކުޑަކުއްޖަކު އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އެކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގައިފި ނަމަ 15 އަހަރާއި 18 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ ކަމަށެވެ.