ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އަނބުރާ ގެންގޮސްފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން، ރިޔާޒަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު، އިތުރު ބަޔަކާ ގުޅިގެން ވައްޓާލުމަށް މަޖިލީހުގެ މެމްބަރުންނަށާއި އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދީފައިވާ ކަމަށް ތުހުމަކުރެވުނު މައްސަލާގައި ރިޔާޒުގެއުފުލި ޓެރަރިޒަމްގެ ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށާއި އެ މައްސަލަ އަނބުރާ ފުލުހަށް ފޮނުވާލާފައިވާ ކަމަށެވެ.

އެ ދައުވާ ބާތިލުކޮށްފައިވާ އިރު އެ މައްސަލައިގެ އަޑުއެހުންތަކެއް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ އެވެ.

ރިޔާޒުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ބާތިލު ކުރި އިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލި ރިޝްވަތުގެ ދައުވާ ވެސް މިދިޔަ ހަފްތާގެ ތެރޭގައި ޕީޖީން ވަނީ އަނބުރާ ގެންގޮސްފައެވެ.