ކުރިއަށް އޮތް މަޖިލިސް އިންތިހަބާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން އުފެއްދި ގައުމީ ލަފާދޭ ކޮމެޓީއަށް، ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް އާއި ޑީއާރުޕީން ނަން ފޮނުވާފައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރަޖިސްޓްރީވެފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ މަންދޫބުން ގައުމީ ލަފާދޭ ކޮމެޓީގައި ތިއްބަވާނެ ކަމަށާއި ނަމަވެސް މިހާތަނަށް އަދިވެސް ޕީޕީއެމުންނާއި ޑިއާރުޕީން ބައިވެރިވާނެ މަންދޫބެއްގެ ނަން ފޮނުވާފައިނުވާ ކަމަށެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ޕީޕީލަސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނައިރު ޕީޕީއެމްގެ ހަރަކާތްތައް މިވަގުތު އޮތީ ހުއްޓުމަކަށް އައިސްފަ އެވެ.

ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފެއްދަނީ، ޕީޕީއެމްގެ މިލްކްވެރިކަމާ ގުޅޭ މައްސަލައެއް ކޯޓުގައި ހިނގަމުންދާތީ ކަމަށް އެމަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. އަދި ޕީއެންސީ އުފެއްދުމަށް އިލެކްޝަން ކޮމިޝަނުން ހުރަސް އަޅާ ކަމަށް ބުނެ އެ ފަރާތްތަކާއި މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

"އީސީން ޕީޕީއެމް އާ މެދު ވަކި ގޮތަކަށް އަމަލެއް ނުކުރަން" ކަމަށް ވިދާޅުވި ޝަރީފް ވަނީ ޓްވީޓް ވެއް ކުރައްވާފަ އެވެ.

މަޖިލިސް އިންތިހާބާ ދިމާކޮށް އެކުލަވާލި ގައިމީ ލަފާދޭ ކޮމެޓީގައި 21 މެންބަރުން ތިއްބަވަންޖެހެއެވެ. އެ ކޮމެޓީގެ ފުރަތަމަ ބައްދަލުވުން މާދަމާ އޮންނާނެ އެވެ.