މަހަށް ފުރިފަހުން ޚަބަރެއް ނުވާތާ ހަފްތާއެއް ވެފައިވާ ދޯންޏެއް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑުން މިއަދު ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކުޅުދުއްފުށީގައި ރަޖިސްޓްރީކޮށް މާލޭގައި ދުއްވާ "ޖަންބޯ" ނަމަކަށް ކިޔާ 75 ފޫޓްގެ އެ ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހެނދުނު 10:22 ގައި ކަމަށެވެ.

އެމްއެންޑީއެފް އިން ދޯނީގެ ވެރިފަރާތާ ހަވާލީ ބުނެފައިވާ ގޮތުގައި 12 މީހުންނާއެކު މަހަށް ފުރި މި ދޯނީގެ ޚަބަރެއް އެންމެފަހުން ވެފައިވަނީ ލ.އަތޮޅުން އެންދަމައިގެން ކަނޑަށް ނިކުތްފަހުން، މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 1900 ހާއިރު އެވެ.

އެ ދޯންޏަކީ ބޭރުގައި އަޅި ކުލައިގެ ދަވާދު ލާފައިވާ އަދި ހުދު ކުލައިގެ ގެގަނޑެއް ލާފައިވާ ދޯންޏެއްކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.

އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.