ރާއްޖޭގެ ހުރިހާ ކޯޓުތައް އެއް ވިއުގައަކުން ގުޅުވައިލުމުގެ ދެވަނަ މަޝްރޫއުގެ އެއްބަސްވުމުގައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދިރާގާ އެކު މިއަދު ސޮއިކޮށްފިއެވެ.

ކޯޓުތައް އެއް ވިއުގައަކުން ގުޅުވައިލުމުގެ ފުރަތަމަ މަޝްރޫއުގައި ދިރާގާއި ޑީޖޭއޭ ސޮއި ކުރީ 2016 ވަނަ އަހަރު އެެވެ. އެފަހަރުގެ އެއްބަސްވުމުގެ ދަށުން 101 މެޖިސްޓްރޭޓު ކޯޓު ޑީޖޭއާ އެއް ނެޓުވޯކަކުން ގުޅާލައި، ކްލައުޑް ވޮއިސް/އޯޑިއޯ-ވީޑިއޯ ކޮންފަރެންސިން ހިދުމަތާއި، ހައި އިންޓްރާނެޓް ލިންކް އަދި އިންޓަނެޓުގެ ހިދުމަތް ދޭން އެއްބަސްވިއެވެ.

މިއަދު ޑީޖޭއޭގައި ބޭއްވި ރަސްމިއްޔާތެއްގައި، ވަނީ އޭގެ ދެވަނަ މަޝްރޫގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގައި ޑީޖޭއޭގެ ފަރާތުން ސޮއި ކުރެއްވީ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރެވެ. ދިރާގުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ.

އެ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު، ނަޒީރު ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން، ރަށްރަށުގައި ހުރި ކޯޓުތަކާއި މާލޭގެ ކޯޓުތައް ވެސް ހިމެނޭ ގޮތުން އެއްވިއުގައަކުން ގުޅުވާލައި، ނިޒާމުގެ ތެރޭގައި ކަރުދާހަށް ބަރޯސާވެފައި އޮތް އޮތުން ހައްލު ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން، އެ އެއްބަސްވުމުގެ ދަށުން ސިއްރު ހެކިބަސް ނެގުމާއި އޯޑިއޯ ރެކޯޑް ކުރުމާއި ވީޑިއޯ ރެކޯޑް ކުރުމުގެ އިންތިޒާމްތައް ގާނޫނުގައި ބުނާ ގޮތަށް ކޯޓުތަކުގައި ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ދައުލަތުންނާއި ލޯ ފާމުތަކުންނާއި އަމިއްލަ ވަކީލުން މަސައްކަތް ކުރާ އިރު ކަރުދާސް ބޭނުން ކުރުމުގެ ބަދަލުގައި، ހާއްސަ ޕޯޓަލަކަށް ލޮގިން ވެގެން އެ ޕޯޓަލަށް ލިޔުންތައް އަޕްލޯޑުކޮށްގެން ލިޔުންތައް ހުށަހެޅޭނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ، ހެކިބަސް ނަގަން ޖެހޭ މީހުން ހެކިބަސް ނެގުމަށް، ދުރު ހިސާބުތަކަށް ގެންދަން ޖެހޭތީ ޝަރީއަތް ކުރުން ލަސްވާ ކަމަށެވެ. އެހެން ނަމަވެސް، އާ ނެޓުވޯކާ އެކު، އެންމެ ކައިރީގައި ހުރި ކޯޓަކަށް ގޮސް ހެކިބަސް ވީޑިއޯ ކޯލުން ހެކިބަސް ނެގޭނެ ކަމަށާއި، އެއާ އެކު މައްސަލަތައް ނިމޭ ގޮތް އަވަސްވާނެ ކަމަށެވެ.

"އެކްސެސް ޓު ޖަސްޓިސް މި ޕްރޮޖެކްޓްގެ ތެރެއިން އަވަސް ވެގެންދާނެ،" ނަޒީރު ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަސް ތެރޭގައި އެ މަޝްރޫއު ނިމޭނެ ކަމުގައެވެ.