ކޮންޓިޖެންސީ ބަޖެޓްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން 2009 ވަނަ އަހަރު ދޫކުރި ފައިސާގެ ތެރެއިން އަމިއްލަ ކުންފުންޏެއްގެ ދަރަނި ދެއްކުމަށް 7.3 މިލިއަން ރުފިޔާ ދައްކާފައިވާކަން ފަޅާއަރައިފި އެވެ.

މާލިއްޔަތު ކޮމެޓީގެ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ ސުނާމީ އަށް ފަހު 85 ފޫޓުގެ ދޯނިފަހަރު ބަނުމަށް ޖަޕާނު އިންޓަނޭޝަނަލް ކޯޕަރޭޝަން ސިސްޓަމް]ޖިކްސް[އާ ރާއްޖޭގެ ފެއާލައިން ޑިޒައިން ޕްރައިވެޓް ލިމިޓެޑާ ދެމެދުވެފައިވާ އެއްބަސްވުން، ކޮންމެވެސް ސަބަބަކާ ހުރެ ބާތިލު ކުރި އިރު، ޖިކްސް އިން ފެއާލައިނަށް ދައްކާފައި އޮތް 565310.4 ޑޮލަރު ]އޭރުގެ ރޭޓުން 7.3 މިލިއަން ރުފިޔާ[ ދައުލަތުގެ ކޮންޓިޖެންސީ ބަޖެޓުން ޖިކްސް އަށް ދައްކާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަމިއްލަ ފަރާތްތަކުގެ ދަރަނި ދެއްކުމަށް ސަރުކާރުގެ ކޮންޓިޖެންސީ ބަޖެޓް ބޭނުން ކުރުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އެކަން، ކަމާ ބެހޭ ފަރާތްތަކުން ބައްލަވަން ޖެހޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީ އިން މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އެ ފައިސާ އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައި ވަނީ ލޯކަލް ކުންފުންޏާއި ޖިކްސް އާ ދެމެދު ވެފައިވާ އެއްބަސްވުން ރޫޅި، ޖިކްސް އަށް ލިބެން ޖެހޭ ފައިސާ ނުލިބުމުން ޖަޕާނުން ރާއްޖެ އަށް އެހީ ނުލިބިދާނެ ކަމުގެ ފުރުސަތު އޮތުމުން ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ފައިނޭޝަލް ކޮންޓްރޯލާ އަހުމަދު އަސްއަދު ވެސް މިއަދު ވިދާޅުވީ އެހެންނެވެ.

އޭނާ ވިދާޅުވީ ލޯކަލް ކުންފުންޏާއި ބޭރުގެ ކުންފުންޏާ ދެމެދުވީ އެއްބަސްވުން ރޫޅި، މައްސަލަ ކޯޓަށް ދިއުމުން، ކުރިއަށް އޮތްތަނުގައި ޖަޕާނުގެ އެހީއަށް ލިބުމަށް ހުރަސްއެޅިދާނެތީ ސަރުކާރުން އެ ފައިސާ ދިން ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ ފަހަރު ހަމަޖެއްސި އުސޫލުން ފެއާލައިނުން ފައިސާ ދައްކާނީ ފިނޭންސް މިނިސްޓްރީ އަށެވެ.
ކޮންމެ މީހެއްގެ ވެސް ދަރަނި ދެއްކުމަށް ދައުލަތުގެ ކޮންޓިޖެންސީ ބަޖެޓް ބޭނުން ކުރައްވާނަންތޯ ދެންނެވުމުން އަސްއަދު ވިދާޅުވީ ކޮންމެ މީހަކާ އެ ކުންފުނި އަޅާނުކިޔޭނެ ކަމަށެވެ.

ޖިކްސް އިން ފެއާލައިނާ ދެކޮޅަށް 2008 ވަނަ އަހަރު ކޯޓުގައި ކުރި ދައުވާގައި ޖިކްސް އަށް ފެއާލައިނުން 45 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ހުކުމް ކުރި ކަމަށް ވެސް ފިނޭންސްގެ ލިޔެކިއުންތަކުން އެނގެ އެވެ. ނަމަވެސް އެ ފައިސާ ދިވެހި ސަރުކާރަށް ފެއާލައިނުން ދައްކާތޯ ދެންނެވުމުން އަސްއަދު ވިދާޅުވީ އެކަން ޖެހޭނީ ބައްލަވައިލައްވަން ކަމަށެވެ.