27 Jan 2019, 20:40
އެނަރޖީ އެފިޝަންސީ ގައިޑްލައިނެއް ތައްޔާރުކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ޕްރައިސް ވޯޓާ ހައުސް ކޫޕަސްއަށް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއަޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ޙުސެއިން ރަޝީދު ހަސަނެވެ. އަދި ޕްރައިސް ވޯޓާ ހައުސް ކޫޕާސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޕްރަސަންތާ ކުމާރު މިސްރާ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، އެނާޖީ އެފިޝަންސީ ގައިޑްލައިން އަކީ އިމާރާތްތަކުގައި ބޭނުންކުރާ ކަރަންޓުގެ ނިސްބަތް ދަށްކޮށް، ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ މިންވަރު މަދުކުރުމުގެ މަޤްސަދުގައި ތައްޔާރުކުރެވޭ ގައިޑްލައިނެއް ކަމަށެވެ.
އެނާޖީ އެފިޝަންސީ ގައިޑްލައިންގެ ސަބަބުން ރާއްޖެގައި ހަދާ އިމާރާތްތަކަކީ ތިމާވެއްޓާއި ރައްޓެހި އިމަރާތްތަތަކަށް ހެދުމަށް މަގުފަހިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެގޮތުން އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ އާކިޓެކްޓުނާއި ސިވިލް އިންޖިނިއަރުން އަދި އިމާރާތްތަކުގެ ވެރިން، އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ފާރާތްތަކަށް ފަސޭހައިން އެނާޖީ އެފިޝަންސީ ސިފަތައް ހިމަނައިގެން އިމާރާތްތައް ފަރުމާކުރުމަށް ފަސޭހަވާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.
އަދި އެނާރޖީ އެފިޝަންސީ އާއި ގުޅުންހުރި ކަންކަމަށް މަލީ އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަލާނެ މިންގަނޑެއް އެކަށައެޅުމަށް އެފަދަ އިދާރާތަކަށް ފަސޭހަވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެނާޖީ އެފިޝަންސީ ގައިޑްލައިނެއް ތައްޔާރުކުރުމަށް އެއްބަސްވުމުުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ތެރެއިން -- ފޮޓޯ އެންވަޔަރަންމަންޓް މިނިސްޓްރީ
މި ގައިޑްލައިން ތައްޔާރުކުރުމުގައި ރާއްޖޭގައި މިހާރު ހުރި އިމާރާތްތަކުގެ ސަރވޭއެއް ހަދައި އެ އިމާރާތްތަކުގައި ހަކަތަ ސަމަކާރަ ކުރެވޭ މިންވަރު ދެނެގަނެ، އެފަދަ އިމާރާތްތަކަށް ބައެއްކަހަލަ ބަދަލުގެނެސްގެން އިމާރާތުގައި ބޭނުންކުރާ ހަކަތަ ސަމަކާރަ ކުރެވޭނެ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ދެނެގަނެވޭނެއެވެ.
މި މަސައްކަތަކީ އދ.ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް)ގެ އެހީގައި ކުރިއަށް ގެންދާ ސްޓްރެންތެނިން ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫއޫގެ ދަށުން ކުރުއަށްގެންދާ މަސައްކަތެކެވެ.