އެފްއޭއެމް އިން މިހާރު ކަންތައް ކުރަމުން ދަނީ ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވީމަ ގޮނޑި ގެއްލުވާލި އުސޫލުން ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދް މަހުލޫފް ވިދާޅުވެއްޖެއެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުޅުންތެރިންނަށް މުސާރަ ނުދިނުމުގެ ސަބަބުން ސަސްޕެންޑު ކުރި ކަމަށް އަންގައި އެފްއޭއެމް އިން ވަނީ އިއްޔޭގެ ވަގުތެއްގައި ބަޔާނެއް އާންމު ކޮށްފައެވެ. އަދި މިހަބަރަށް ރައްދު ދެއްވަމުން މަހުލޫފް ވަނީ އެފްއޭއެމް އަށް ފާޑު ވިދާޅުވެފައެވެ.

ނޮވެމްބަރ 17، 2018: މަހްލޫފް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގެ ހުވާ ކުރުމުގެ ތެރެއިން -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

"ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަކީ އެފްއޭއެމް ގަ ހުރި މައްސަލަތައް ފާހަގަކޮށް އެކްސްޓުރާ އޯޑިނަރީ ކޮންގުރެސް އެއް ބޭއްވުމަށް ލީޑު ކުރި ކުލަބް، އެފްއޭއެމް އިން މިހާރު އަމަލު އެކުރަނީ މަސީހުގެ އިތުބާރު ނެތް ކަމަށް މެންބަރުން ސޮއެ ކުރެއްވީމަ އެމްޕީސް ގެ ގޮނޑި ގެއްލުވާލި ހުތުރު އުސޫލުން." މަހުލޫފުގެ ޓުވީޓުގައި ބުނެފައިވެއެވެ.

އަދި ހަމައެއާ އެކު ނިއުރޭޑިއަންޓުންވެސް އެ ކުލަބު ސަސްޕެންޑު ކުރުމާއި ގުޅިގެން ވާނީ އެފްއޭއެމްއަށް ވަރަށް ބޮޑަށް ފާޑުކިޔާ ބަޔާނެއް އާންމު ކޮށްފައެވެ.

ނިއުގެ ބަޔާނުގައި ވާގޮތުގައި ފަސްޓު ޑިވިޒަަންގެ އެންމެ ކުލަބައެއް ފިޔަވާ އެހެން ހުރިހާ ކުލަބެއްގެ އިތުރުން ދެވަނަ ޑިވިޒަން އަދި ތިންވަނަ ޑިވިޒަން ގެ ވެސް ގިނަ ކުލަބުތަކުގެ ތާއިދު ވަނީ އެކްސްޓުރާ އޯޑިނަރީ ކޮންގުރެސް ބޭއްވުމަށް ލިބިފައެވެ.

އެފްއޭއެމް އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ދެމެދު ސޯޝަލް މީޑިއާގައި ބަދަލު ކުރެވެމުންދާ ބަހުގެ ހަމަލާތަކުގެ ސަބަބުން ރާއްޖޭގައި ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ފާރާތްތަކެއް މިވަގުތު ތިބީ ރުޅިގަދަ ވެފައެވެ.

ސަބަބަކީ ފުޓުބޯޅައިގެ ތެރެއަށް ސަރުކާރުން ވަދެ ނުފޫޒު ފޯރުވާނަމަ ފީފާއިން އެ ގައުމަކާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ފީފާއިން ވަނީ ބުނެފައެވެ. އަދި އެފްއޭއެމް އިން ވެސް މިކަމަށް ބެލުމެއްނެތި ދަނީ ސަރުކާރަށް ރައްދު ދީ ރާއްޖޭގެ ފުޓުބޯޅައަށް ހިތުހުރިހާ ގޮތެއް ހަދަމުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.