26 Jan 2019, 20:45
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ސައީދާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައެއް ބަލަމުންދާތީ އޭނާ ސަސްޕެންޑުކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ސެކެޓްރީ ޖެނެރަލް ޑރ. އިބްރާހިމް ޒުހުރީ "ސަން"އަށް ވިދާޅުވީ، ސައީދު ސަސްޕެންޑު ކުރީ، އެ ކޮމިޝަނަށް މިނިސްޓަރު ހުށަހެޅުއްވި މައްސަލައެއް ބަލަމުންދާތީ ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސައީދު ސަސްޕެންޑުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭނާ ސަސްޕެންޑުކޮށްފައި ވަނީ އެއް މަސް ދުވަށް ކަމަށް ޒުހުރީ ވިދާޅުވި އެވެ.
އެހެން ނަމަވެސް، ސައީދާ ދެކޮޅަށް މިނިސްޓަރު ހުށަހެޅުއްވި މައްސަލަ ޒުހުރީ ހާމައެއް ނުކުރައްވަ އެވެ.
ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލަކަށް ހުންނެވި ސައީދު، އެ މިނިސްޓްރީގެ ޕީއެސް އަކަށް އައްޔަންކުރެއްވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.