26 Jan 2019, 18:32
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު، އެފްއޭއެމާއި އެ އެސޯސިއޭޝަންގެ ގުނަވަނަކުން ހިންގާ އެއްވެސް ކަމެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑު ކޮށްފިއެވެ.
އެފްއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން މިއަދާ ހަމައަށް 10 ކުޅުންތެރިޔަކަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ ޖުމުލަ 3.8 މިލިއަން ރުފިޔާ ނިއުރޭޑިއަންޓުން ދައްކާފައިނުވާ ކަމަށެވެ.
މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އެ މައްސަލައާ ގުޅިގެން ނިއުރޭޑިއަންޓް ވަނީ ތަފާތު އެކި ފަހަރުމަތިން އެފްއޭއެމްގެ ޕްލޭޔަރ ސްޓެޓަސް ކޮމިޓީއަށް ހާޒިރު ކުރެވިފައެވެ. އަދި މައްސަލަ ހުށައަޅާފައިވާ ކުޅުންތެރިންނަށް މުސާރަ ދިނުމަށް އެތައް މުހުލަތުތަކާއި ފުރުސަތުތަކެއް ދިނުމުންވެސް އެ ކުލަބުން އެ ކުޅުންތެރިންނަށް ދޭންޖެހޭ އުޖޫރަ ދީފައިނުވާ ކަމަށް އެފްއޭއެމް އިން ބުންޏެވެ.
ޖަވާބުގައި ކޮންމެ ފަހަރަކު ވެސް ނިއުރޭޑިއަންޓުން ބުނަމުން ދިޔައީ ކުލަބުގައި އެކަން ކުރާނެ ބަޖެޓު ނެތް ކަމަށެވެ. އަދި ބަޖެޓު ކުރެވިފައިވާ ހުރިހާ ފައިސާއެއް ޚަރަދުކޮަށް ހުސްވެފައިވާ ކަމަށް އެ ކްލަބުން އަންނަނީ ބުނަމުންނެވެ.
ކުލަބުގެ ގިނަ ކުޅުންތެރިންގެ އެއްބަސްވުމުގައި ވާގޮތުގެމަތިން ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ މިއަދާ ހަމައަށް ވެސް ދީފައި ނުވުމަކީ ކުލަބުގެ ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުން ހިނގި ކަމެއް ކަމަށް އެފްއޭއެމް ގެ ބަޔާނުގައި ބުނެފައިވެއެވެ.
މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުއާއި ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 5-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"އެފްއޭއްމް ހިނގާ ގަވާއިދުގެ 14 ވަނަ މާއްދާއިން އެފްއޭއެމްގެ ހިންގާ ކޮމިޓީ އަށް ލިބިދޭ ބާރުގެ ދަށުން ހާމަ ކުރެވިފައިވާ މައްސަލަތަށް ހައްލުކޮށް، އެކުލަބުން ކުޅުންތެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއާއި އުޖޫރަތަށް ދައްކައި ހަލާސް ކުރުމާ ހަމައަށް އެފްއޭއެމް އަދި އެ އެސޯސިއޭޝަންގެ އެއްވެސް ގުނަވަނަކުން ހިންގާ އެންމެހައި ކަންކަމަށް އެ ކުލަބަށް ބައިވެރި ނުވެވޭ ގޮތަށް ނިއުރޭޑިއަންޓު ވަނީ ސަސްޕެންޑު ކުރެވިފައެވެ،" އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ މައްސަލަ އިތުރަށް ބަލައި ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅެއް އޮތްތޯ ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީ އަށް މައްސަލަ ފޮނުވަން ވަނީ ނިންމާފައެވެ.
ނިއުރޭޑިއަންޓް "ދަރަނިވެރި" ވެފައިވާ މި ދަނޑިވަޅުގައި ވެސް އެ ކުލަބުން އައީ މިއަދާ ހަމައަށް ވެސް އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫތު ޗެންޕިއަންޝިޕަށް ތައްޔާރު ވަމުންނެވެ. މާދަމާ ގުރުލުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިވަގުތުގެ ހާލަތަށް ބާލައި ނިއުރޭޑިއަންޓަކަށް ބައިވެރިއެއް ނުވެވޭނެއެވެ.