26 Jan 2019, 16:03
އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިވެދޭ ކަމަށާއި އެހެންކަމުން ރާއްޖެއަށް އިންޑިއާ ނޫން އެހެން ގައުމެއްގެ އަސްކަރީ އެހީތެރިކަން ބޭނުން ނުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އިއްޔެ ހިންދޫ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވި ގޮތުގައި، 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ސަލާމަތް ކުރުމަށާއި 2004 ވަނަ އަހަރު ސުނާމީ އެރުމުންނާއި 2014 ވަނަ އަހަރު މާލެއަށް ފެން ލިބުން ދަތިވުމުން އިންޑިއާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
"އަޅުގަނޑުމެންގެ އެންމެ ގާތް އެކުވެރިޔަކީ އަބަދުވެސް އިންޑިއާ އަދި އެގައުމަކީ (ރާއްޖެއަށް) އަބަދުވެސް އެހީވެދޭ ގައުމެއް، އެހެންކަމުން އެހެން ގައުމެއްގެ އަސްކަރީ އެހީ ރާއްޖެއަށް ބޭނުމެއް ނުވޭ،" މާރިޔާ ވިދާޅުވި އެވެ.
މިދިޔަ ބުދަ ދުވަހު، ހަތް ދުވަހުގެ ދަތުރުފުޅަކަށް އިންޑިއާއަށް ވަޑައިގެންނެވި މާރިޔާ ވަނީ ރާއްޖެއިން ބޭނުން ވަނީ އިންޑިއާ ކަނޑަކީ ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި އޮތުމަށް ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން މާރިޔާ ވަނީ އިންޑިއާއިން ދިން ހެލިކަޕްޓަރުތައް ރާއްޖެއިން އަނެއްކާ ވެސް ބޭނުން ކުރަން ފަށާފައިވާ ކަމަށާއި އޭގެ ސަބަބުން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި 10 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާރިޔާ ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރަމަލާ ސިތަރަމަންއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް ހުއްޓުވައި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ ގޮތުން ދެ ގައުމުގެ މެދުގައި އަސްކަރީ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.