އދ. (ޖެނުއަރީ 26): ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި މަރާލި ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ މަރު ތަހުގީގުކުރަން އދ.އިން ޓީމެއް އެކުލަވާލައިފިއެވެ.

އދ.ގެ ސްޕެޝަލް ރެޕެޓުއާ އޮން އެކްސްޓްރާޖުޑިޝަލް، ސަމަރީ އޯ އާބިޓަރީ އެކްސެކިއުޝަންސް، އެގްނެސް ކަލަމާޑް ވިދާޅުވި ގޮތުގައި ހާޝުގްޖީގެ މަރުގެ "މިނިވަން، ބައިނަލްއަގުވަމީ ތަހުގީގެއް" ކުރުމަށް އޭނާ މިހަފްތާ ތެރޭ ތުރުކީއަށް ވަޑައިގަންނަވާނެއެވެ.

އދގެ ހިއުމަން ރައިޓްސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން ކަލަމާޑްއާ އެއްކޮށް ހެލީނާ ކެނެޑީ އާއި ޕްރޮފެސާ ޑުއާޓޭ ނޫނޯ ވިއެއިރާ ތުރުކީއަށް ވަޑައިގަންނަވާނެއެވެ. އޭގެ ތެރެއިން ކެނެޑީއަކީ އިނގިރޭސިވިލާތުގެ ވަކީލެއްގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މަތީގޭގެ މެމްބަރެކެވެ. އަދި ނޫނޯ ވިއެއިރާ އަކީ ޕެތޮލޮޖީ އާއި ފޮރެންސިކް ސައިންސްގެ މާހިރެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހާޝުގްޖީ މަރާލި މައްސަލާގައި ސައުދީން ވަނީ 11 މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. ހާޝުގްޖީ ކޮންސިއުލޭޓު ތެރޭ މަރާލި ކަމަށް ބުނާ ރިޕޯޓުތައް ފުރަތަމަ ދޮގު ކުރި ސައުދީން ބުނާ ގޮތުގައި، އެއީ ބަޔަކު އަމިއްލައަށް ރާވައިގެން ކުރި ކަމެކެވެ. އަދި އެއީ ސައުދީ ސަރުކާރާ ގުޅުން ހުރި އަމަލެއް ނޫނެވެ.

ނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ހާޝުގްޖީ މަރާލުމަށް އަމުރުކޮށްފައި ވަނީ ސައުދީ ޝާހީ އާއިލާގެ އެންމެ މަތީ ފަންތިން ކަމަށް ވިދާޅުވެފަ އެވެ. އަދި އެމައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ތުރުކީގައި ކުރިއަށް ގެންދިޔުމަށް އެމީހުން އެގައުމާ ހަވާލު ކުރުމަށް ގޮވާލައްވާފަ އެވެ.