06 Oct 2011, 17:18
ވިޔަފާރި އުސޫލުން މާލޭ ރޯމަސް މާރުކޭޓް ހިންގާނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކައުންސިލުން ބިޑަށްލުމުން، ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާކަމަށް މާލޭ ސިޓީކައުންސިލުން މިއަދު ބުނެފިއެވެ.
ސިޓީ ހޯލްގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން މާލޭގެ މޭޔަރު މައިޒާން އަލިމަނިކު(އަލިބެ) ވިދާޅުވީ މަސް މާރުކޭޓް ހިންގަން ބިޑަށް ހުޅުވައިލީ މާރުކޭޓްގައި ވިއްކާ މަހުގެ ކޮލިޓީ ދަށްވުމުގެ ސަބަބުން އެކަން އިސްލާހުކޮށް ޑަބްލިޔުއެޗްއޯގެ މިންގަޑަށް ފެތޭ ގޮތަށް އެ ހިދުމަތްދޭން ޝައުގުވެރިވާ ފަރާތެއް ހޯދަން ކަމަށެވެ. ނަމަވެސް ބިޑަށް ހުޅުވައިލުމުން އެކަމަށް ތަރުހީބެއް ލިބިފައި ނުވާ ކަމަށެވެ.
~
މާލޭ ސިޓީ ކައުންސިލުގެ މެންބަރު އިބުރާހިމް ޝުޖާއު މިއަދު ވިދާޅުވީ މާލޭ ރޯމަސް މާރުކޭޓް ބިޑަށް ލުމުން އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަލުން ބިޑަށްލުމުގެ ބަދަލުގައި ދެން ބަލާނީ މަސްވެރިންގެ ޔޫނިއަން އެކަމަށް ޝައުގުވެރިވޭތޯ ކަމަށެވެ. ސިޓީ ކައުންސިލުން އެ ޔޫނިއަންއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޔޫނިއަނުން ޝައުގުވެރިވާނަމަ އިތުރު ފަރާތެއް ހޯދުމަކާއި ނުލައި ރޯމަސް މާރުކޭޓް މަސްވެރިންގެ ޔޫނިއަންއަށް ދޭން ނިންމާފައިވާ ކަމަށެވެ.
"އަޅުގަޑުމެން ބޭނުންވަނީ މަސްވެރިންނާއި ގުޅޭބަޔަކާ މާރުކޭޓް ހަވާލުކުރުމަށް އެފަރާތާ މާރުކޭޓް ހަވާލުކުރާނީ އެއްވެސް ވަރެއްގެ ފީއެއް ނުނަގާ. ރަނގަޅު ކޮލިޓީގެ މަސްވިއްކުން އެކަނި ޝަރުތުކޮށްފައި. ޔޫނިއަނާއެކު މިމަހުގެ އަށްވަނަ ދުވަހު ބައްދަލުވުމެއްވެސް ބާއްވާނަން. އަލުން މާރުކޭޓް ބިޑަށް ހުޅުވައިލާނީ އެފަރާތުން އެކަމަށް އެއްބަސް ނުވެއްޖެ ނަމަ،" އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހު މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މާލޭ ރޯމަސް މާރުކޭޓުން ވިއްކާ މަސް ކެއުމަށް އެކަށީގެން ނުވާ ކަމަށް ދުނިޔޭ ޞިއްހަތު ޖަމިއްޔާ އިން ބުނާ ކަމަށެވެ.
"ގިނަ ފަރާތްތަކަށް އެބައިނގޭ މިހާރު މާރުކޭޓްގައި ވިއްކާ މަހުގެ ތެރޭގައި ވަރަށް ކޮލިޓީދަށް މަސް ވިއްކަން ހުންނަކަން. ބައެއްފަހަރު އެމަސް ކައިގެން ދޫ ނުވަތަ ކަރު ކެހުމުގެ ކަންތައްތައްވެސް އެބަދިމާވޭ އެފަދަ ޝަކުވާތަށް ވެސްކުރޭ. އެހެން ވީމަ އަޅުގަނޑުމެން ބޭނުން އެބަވޭ މާރުކޭޓުން ވިއްކާ މަހަކީ ކޮލިޓީ މަހަކަށް ހެދުމަށް،" މާލޭ ސިޓީގެ މޭޔަރު އަލިބެ ވިދާޅުވިއެވެ.