26 Jan 2019, 13:27
މެޑްރިޑް (ޖެނުއަރީ 26): ސްޕެއިންގެ މަލަގާ ޕްރޮވިންސުގައި 100 މީޓަރު ފުން ވަޅަކަށް ވެއްޓުނު ދެ އަހަރުގެ ކުއްޖާގެ ހަށިގަނޑު ފެނިއްޖެ އެވެ.
ހުލެން ރޮސެލޯ ނަމަކަށް ކިޔާ އެކުއްޖާ އެވަޅަށް ވެއްޓުނީ މިމަހުގެ 13ގަ އެވެ. ހުލެން ވަޅަށް ވެއްޓުނީ އެކުއްޖާގެ އާއިލާއާ އެއްކޮށް ހިނގާލަން ގޮސް، ކުއްޖާގެ މަންމަ އާއި ބައްޕަ ކާ އެއްޗެއް ތައްޔާރު ކުރަން އުޅުނު ގަޑީގަ އެވެ.
ހުލެން ވެއްޓުނު ވަޅުގެ ފުޅާ މިނުގައި ހުރީ އެންމެ 25 ސެންޓިމީޓަރު ކަމުން އެކުއްޖާ ސަލާމަތް ކުރުމަށް ވަޅު ތެރެއަށް މީހަކަށް ފޭބޭ ވަރެއް ނުވެ އެވެ. އެހެންކަމުން ކުއްޖާގެ ހަށިގަނޑު ހޯދާފައި ވަނީ، ވަޅުގެ ކައިރީގައި އިތުރު ބިންގަރާހެއް ކޮނެ، އެވަޅާ ގުޅުވައިގެންނެވެ.

ސްޕެއިންގައި ދެ އަހަރުގެ ހުލެން ވެއްޓުނު ވަޅުގެ ފުޅާ މިނުގައި ހުރީ އެންމެ 25 ސެންޓިމީޓަރު -- ފޮޓޯ: އީޕީއޭ
ސްޕެއިންގެ މީޑިއާތަކުގައިވާ ގޮތުން އެފަދަ ވަޅަކީ އާއްމުކޮށް ފެން ނުވަތަ ތެޔޮ ނެގުމަށް ކޮންނަ ވަޅެކެވެ. އަދި އެވަޅު ކޮނުނު ވިޔަފާރިވެޔާ ވަނީ އެއީ މީގެ އެއް މަސް ކުރިން ކޮނުނު ވަޅެއް ކަމަށާއި އޭގައި ހުންނާނީ މަތި ޖަހާފައި ކަމަށް ބުނެފަ އެވެ.
ސްޕެއިންގެ ސަރުކާރުން ވަނީ އެހާދިސާ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.
ހުލެންގެ އާއިލާއަށް ވަނީ މީގެ ކުރިންވެސް އެފަދަ ހިތާމައަކާ ކުރިމަތިލާން ޖެހިފަ އެވެ. ހުލެންގެ ބޭބެ އޮލިވާ ވަނީ މީގެ ތިން އަހަރު ކުރިން ހާޓް އެޓޭކެއް ޖެހިގެން މަރުވެފަ އެވެ. އޭރު އެކުއްޖާގެ އުމުރުން އެންމެ ތިން އަހަރެވެ.