އިއްޔެ ހެނދުނު އެމްޖެންސީގައި އައިޖީއެމްއެޗަށް ގެނައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް، ފަރުވާއަށް ފަހު އަނބުރާ ޖަލަށް ބަދަލުކޮށްފި އެވެ.

އަދީބްގެ އާއިލާ އިން ބުނީ، އޭނާ އިއްޔެ އެމަޖެންސީގައި މާލެ ގެނައީ މަފުށީ ޖަލުގައި އަދީބް ހުންނަވާ ގޮޅިތެރެއަށް ބޮލަށް އެނބުރުން އަރައިގެން ވެއްޓުމުގެ ސަބަބުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވެއްޓި ބޮލުގެ ނިތްކުރި ދުޅަވެފައިވާ ކަމަށް ވެސް އާއިލާއިން ބުނެ އެވެ.

އިއްޔެ ހެނދުނު އަދީބު އައިޖީއެމްއެޗަށް ގެނައުމަށް ފަހު، ރޭ ވަނީ އަނެއްކާ ވެސް އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

އެކަމާ ގުޅިގެން ކަރެކްޝަންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އަދީބުގެ ކިޑްނީގައި އުފެދިފައިވާ ހިލައެއް މުގުރާލުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އައިޖީއެމްއެޗުގައި އޮޕަރޭޝަނެއްކޮށްފަ އެވެ. އޭގެ ފަހުން އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު އަދީބު ގޭބަންދަށް ބަދަލުކުރީ ނޮވެމްބަރު 27ގަ އެވެ. ގެއަށް ބަދަލުކުރިފަހުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް ޕާޓީއަށް ސޮއިކުރައްވާ ޕާޓީގެ ކަންކަމުގައި އުޅުއްވި އެވެ.

އަދީބު ގޭބަންދުގައި ހުންނަވަނިކޮށް މިމަހުގެ ކުރީކޮޅު އަނބުރާ ޖަލަށް ގެންދިޔައީ ޑޮކްޓަރުގެ އިލްތިމާސްއާ ހިލާފަށް ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އޮޕަރޭޝަނަށް ފަހު އަދީބް ޖަލަށް ގެންގޮސް ފަރުވާއަށް މާލެ ގެނައި މިއީ ދެވަނަ ފަހަރެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒު ކުރައްވަމުންނެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި އަދީބުގެ މައްޗަށް ދައުވާކޮށް، ޝަރީއަތްތައް ވެސް ދަނީ ހިންގަމުންނެވެ.

އޭސީސީ ރިޕޯޓް ބުނާ ގޮތުން އެމްއެމްޕީއާރުސީގެ ކޮރަޕްޝަން 91 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.