އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމާއި އެހެން ގިނަ ގައުމަކެއްގެ ސަފީރުންނާއި މަންދޫބުންނާ ބައްދަލުކުރެއްވުމަށްފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ހެނދުނު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

ޝާހިދުގެ އެމެރިކާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ވޮޝިންގްޓަނަށެވެ. އަދި އެމެރިކާ ސަރުކާރުގެ ބައެއް އިދާރާތަކުގެ ވެރީންނާ ބައްދަލުކުރެއްވިއެވެ.

އެއަށްފަހު އޭނާ ނިއުޔޯކަށް ވަޑައިގެން، ރޭ ވަނީ އދގެ ސަލާމަތީ މަޖިލީހުގައި ކުރިއަށް ދިޔަ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ބަހުސްގައި ތަގުރީރުކުރައްވާފައެވެ.

ޝާހިދު މިއަދު ހެނދުނު ވަނީ އެމެރިކާ ދޫކުރައްވައި، އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައެވެ.

ނަމަވެސް ފުރާވަޑައިގަތުމުގެ ކުރިން ޝާހިދު ވަނީ ނިއުޔޯކްގައި ތިއްބަވާ އދގެ އިސްވެރިންނާއި ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި މަންދޫބުންނާ މިއަދު ބައްދަލުކުރައްވާފައެވެ.

އެގޮތުން މިއަދު ހެނދުނު ޝާހިދު، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ ބައްދަލުކުރެއްވިއެވެ.

"ދެމެހެއްޓެނިވި ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ރާއްޖެއިން ކުރަމުން އަންނަ މަސައްކަތް ދަމަހައްޓައި، ސެކްރެޓަރީ ޖެނެރަލަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެރުވިން،" ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވަނީ އދގެ އެސިސްޓަންޓް ސެެކްރެޓަރީ ޖެނެރަލް އޮން ޕޮލިޓިކަލް އެފެއާޒް މިރޯސްލަވް ޔެންޗާއާ ބައްދަލުކުރައްވައި، ރާއްޖޭގއި ޑިމޮކްރަސީ ހަރުދަނާކޮށް އަދި މުއައްސަސާތައް ވަރުގަދަކުރުމަށް ޔެންޗާ ކޮށްދެއްވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އދގެ އަންޑަސެކްރެޓަރީ ޖެނެރަލް އަދި ހައި ރެޕްރެޒެންޓޭޓިވް ފޮރ ލީސްޓް ޑިވެލޮޕްޓް ކަންޓްރީޒް، ލޭންޑްލޮކްޑް ޑިވެލޮޕިންގް ކަންޓްރީސް އަދި ސްމޯލް އައިލެންޑް ޑިވެލޮޕިންގް ކަންޓްރީޒް ފެކީޓާ އުޓޮއިކަމާނޫއާވެސް ބައްދަލުކުރައްވައި، ދެމެހެއްޓެނެވި ތަރައްގީއާ ބެހޭ މަޝްވަރާތައް ކުރެއްވިއެވެ.

އަދި އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރު ރެޓްނޯ މަރްސޫދީއާއި ނޯވޭގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ޔެންސް ފްރޮލިކް ހޯލްތައާ ބައްދަލުކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކާއި އެހެން ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރު ބައްދަލުކުރެއްވި އެހެން ބޭފުޅުންގެ ތެރޭގައި އދގައި ހުންނަވާ މޮރިޝަސްގެ މަންދޫބު ޖަގްދީޝް ދަރަމްޗާންދު ކުމްޖުލް، އިކުއަޓޯރިއަލް ގިނީގެ މަންދޫބު އަނަޓޯލިއޯ ންޑޮންގް މްބާ، ބްރެޒިލްގެ މަންދޫބު މައުރޯ ވިއެރިއާ، ބެލީޒްގެ މަންދޫބު ލޮއިސް މިޝޭލް އަދި ސްރީލަންކާގެ މަންދޫބު އަމިތު ރޯހަން ޕެރޭރާ ހިމެނެއެވެ.