26 Jan 2019, 11:01
ރާއްޖޭގެ މުސްތަގުބަލަށާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ބިރަކީ މޫސުމީ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މައްސަލަކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ ރޭ އދ.ގެ ސަލާމަތީ މަޖިލީހުގައި އޮތް މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޑިބޭޓުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ ސުލްހައާއި ސަލާމަތަށް އޮތް ނުރައްކަލާ ގުޅޭ ބަހުސެއް އެންމެ ފުރަތަމަ އޮތީ 2007 ވަނަ އަހަރު އެވެ. އެއީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ދުވަސްވަރެވެ. އޭރުގެ ސަރުކާރުގައި ވެސް ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޝާހިދު އެވެ.
ރޭ އެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ 2007 ވަނަ އަހަރު އޭނާ އެ ޑިބޭޓުގައި ދެއްކެވި ވާހަކަތަކަށް އަލި އަޅުވާލައިފަ އެވެ.
"ދެހާސް ހަތް ވަނަ އަހަރު މި މޭރުމުން އޮތް ފުރަތަމަ ޑިބޭޓްގައި އަޅުގަނޑު ހަމަ މި މައުޟޫގައި ވާހަކަދެއްކިން. މޫސުމީ ބަދަލުތަކަކީ ރާއްޖެ ދުނިޔޭގައި ދެމިއޮތުމަށް އޮތް ނުރައްކަލެއްކަން އަޅުގަނޑު މި ކައުންސިލަށް ހަނދާން ކޮށްދިނިން. ކަނޑުގެ ލޮނުގަނޑު ދެ މީޓަރަށް އުފުލިއްޖެނަމަ ދިވެހިރާއްޖެ ކަނޑު އަޑިއަށް ގަރަގުވެގެން ދާނެކަން އަޅުގަނޑު މި މަޖިލީހުގައި އޭރު ބުނިން. މިއީ ގައުމެއްގެ މަރުވުން،"
Addressed@UNSecurity Council Debate on impacts of climate-related disasters on intl. peace & security. Stressed the need for urgent action to ensure that we deliver to our children a safe, secure and healthy future! Let's not extinguish the sparkle of hope in their eyes!pic.twitter.com/GyHu0YMdDx
— Abdulla Shahid ???? (@abdulla_shahid)January 26, 2019
"މިއަދު، އޭގެ 12 އަހަރު ފަހުން މި މަޖިލީހުގައި އަޅުގަނޑު މި ތަކުރާރިކުރަނީ އެ ވާހަކަތައް. އަޅުގަނޑުމެން ހީކުރި ވަރަށް ވުރެ ވެސް އަޅުގަނޑުމެންގެ މުސްތަގުބަލު އޮތީ ބަނަވެފައި،" ޝާހިދު ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ ދަނީ ހަލާކުވަމުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް ގިރައި، ރަށްތައް ނުރައްކަލުން ސަލާމަތްކޮށްދޭ ފަރުތައް ވެސް މަރުވަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ރަށްރަށުގެ މީރު ފެން ލޮނުވެ، ކަނޑުތަކުން މަސް ވެސް ދަނީ މަދުވަމުން. މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެން އުޅޭ ވަޒަން އަޅުގަނޑުމެންގެ އަތުން ބީވެގެން ދާނެ،"
މިނިސްޓަރު ވަނީ މޫސުމީ ބަދަލުތަކުގެ އަސަރު އޮތީ ރާއްޖެއަށް އެކަނި ނޫންކަމާއި، މުޅި ދުނިޔެއަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ ލީޑަރުން އަދި ވެސް ތިބީ އެހެން ކަންކަމުގައި މަޝްއޫލުވެ ކަމަށެވެ.
"މޫސުމީ ބަދަލުތަކުގެ ކޮން މައްސަލައެއް ބަލާނީ އދ.ގެ ކޮން ފޯރަމަކުންކަން ނުނިންމިގެން އަޅުގަނޑުމެން އުޅޭ އިރު ގައުމުތަކުގެ މީރު ފެން ކުޅިތައް ދަނީ ހިކި، އެތައް މިލިޔަން މީހުންނަށް ބޯފެން ލިބޭނެ ދޮރު ބަންދުވަމުން. ހަނަފަސްކަން އިތުރުވުމުގެ ސަބަބުން ހައިހޫނުކަމާއި ގެދޮރު ގެއްލުން ފަދަ މައްސަލަތައް ކުރިމަތިވެ، އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ދަނީ ފެތުރެމުން. ބައެއް ގައުމުތައް އެކު އެކީގައި ދަނީ ކަނޑުއަޑިއަށް ގަރަގުވަމުން. މިއަށް ވުރެ ބޮޑު ސަލާމަތީ ނުރައްކަލެއް ކޮބައިތޯ؟" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި މައްސަލަތައް ހައްލުކުރުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ރާއްޖެއިން ބަލައިގަންނަ ކަމަށެވެ. އަދި ހައްލުތައް ހޯދުމަށްޓަކައި ކްލައިމެޓް އެޑެޕްޓޭޝަންގެ މަސައްކަތް މުހިންމުކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ މޭރުމުން ގާއިމުކުރަން ޖެހޭ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ފައިސާގެ ބޮޑު އަދަދެއް ހާއްސަކުރަންޖެހޭކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން އދ.ގެ ނިޒާމުގެ ތެރެއްިންވެސް މޫސުމީ ނުރައްކަލާއި މައްސަލަތައް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅު ކުރިއާލައި އެޅޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖެ ފަދަ ގައުމުތަކަކީ މިކަމުގެ އެންމެ ފުރަތަމަ އަސަރުތައް ކުރާނެ ގައުމުތައް. ހުރިހާ ގައުމަކުން އެއް ބަހެއް ކިޔައި، މޫސުމީ މައްސަލަތަކަކީ ބައިނަލްއަގުވާމީ ސުލްހައަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލުކުރަންދެން އަޅުގަނޑުމެންނަށް މަޑުކުރެވޭކަށް ނެތް." ޝާހިދު ވިދާޅުވި އެވެ.