ވޮޝިންޓަން (ޖެނުއަރީ 26): އެމެރިކާގެ ބަޖެޓް ފާސްނުވުމުގެ ސަބަބުން ފެޑެރަލް ސަރުކާރުގެ ގިނަ އޮފީސްތައް ބަންދުކޮށްފައި އޮންނަތާ 35 ދުވަސް ފަހުން އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަރުކާރު ހުޅުވަން އެއްބަސްވެވަޑައިގެންފި އެވެ.

އިއްޔެ އެމެރިކާގެ ކޮންގްރެސްގެ ތިރީގެ އާއި މަތީގެއިން ވަނީ އެގައުމުގެ ފެޑެރަލް އިދާރާތަކަށް އަންނަ މަހުގެ 15އާ ހަމައަށް ފަންޑިން ފޯރުކޮށް ދޭނެ ބިލެއް ފާސްކޮށްފަ އެވެ. އަދި ރައީސް ޓްރަމްޕް ވަނީ އެބިލް ތަސްދީގު ކުރައްވައިފަ އެވެ.

ނަމަވެސް އެބިލުގައި އެމެރިކާ އާއި މެކްސިކޯގެ ބޯޑަރުގައި ފާރެއް ރާނަން ޓްރަމްޕް ބޭނުންފުޅުވި 5.7 ބިލިއަން ޑޮލަރު ހިމަނާފައި ނުވެ އެވެ. މީގެ ކުރިން ޓްރަމްޕް ވަނީ އެފައިސާ ހިމަނާފައި ނުވާ ބަޖެޓެއް ތަސްދީގު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ފެބްރުއަރީ 15އާ ހަމައަށް ސަރުކާރު ހުޅުވާފައި ބަހައްޓާ ބިލެއް އަޅުގަނޑު ތަސްދީގު ކުރާނަން. އަދި ހުރިހާ މުވައްޒަފުންނަށް ނުލިބި ހުރި މުސާރަ ވީހާ ވެސް އަވަހަކަށް ލިބޭނެކަން އަޅުގަނޑު ޔަގީންކޮށްދޭނަން،" ޓްރަމްޕް އިއްޔެ ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ އެމެރިކާގެ ބޯޑާ ސެކިއުރިޓީއާ ބެހޭ މަޝްވަރާތައް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ކޮމިޓީއަކުން ކުރިއަށްގެންދާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މިއީ އެމެރިކާގެ ތާރީހުގައި ވެސް އެގައުމުގެ ސަރުކާރު އެހާ ގިނަ ދުވަހަށް ހުއްޓުމަކަށް ގެނައި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމެރިކާ ސަރުކާރުގެ އޮފީސްތައް އެންމެ ގިނަ ދުވަސް ވަންދެން ބަންދު ކުރީ 1995 އާއި 1996އާ ދޭތެރޭ 21 ދުވަހަށެވެ. އޭރު ވެރިކަމުގައި ހުންނެވީ ރައީސް ބިލް ކްލިންޓަން އެވެ.

އަދި ސަރުކާރުގެ ގިނަ އޮފީސްތައް ބަންދު ކުރުމުގެ ސަބަބުން އަހަރުގެ ފުރަތަމަ މުސާރަ ނުލިބުނު މުވައްޒަފުންގެ އަދަދު 800،000 އަށް އަރަ އެވެ. އޭގެ ތެރޭގައި ޖަލުތަކާއި އެއާޕޯޓުގެ މުވައްޒަފުންނާއި އެފްބީއައި އޭޖެންޓުން ހިމެނެ އެވެ.