26 Jan 2019, 11:10
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ރާމް ނާތު ކޯވިންދަށާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވައިފި އެވެ.
އިންޑިއާގެ 70 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސްބަތުގައި އެ ގައުމުގެ ރައީސަށާއި ބޮޑު ވަޒީރަށް، ރައީސް ސޯލިހު ތަހުނިޔާގެ މެސެޖް ފޮނުއްވާފައިވަނީ ވަކިވަކިންނެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންނާއި، ރައީސްގެ އަމިއްލަ ނަންފުޅުގައި، އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެ އެވެ.
ރައީސްގެ އެ މެސެޖްގައި އިންޑީއާ އިން ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވާ އަގަހުރި މަސައްކަތްތަކަށް ޝުކުރުއަދާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި މުސްތަގްބަލްގައި ދެގައުމުގެ އިގްތިސޯދީ، ސިޔާސީ އަދި ސަޤާފީ ގޮތުން ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ރައީސްގެ މެސެޖްގައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައި އޮތް ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވުމާ އެކު އެ ގުޅުން އަންނަނީ އިހު އޮތް ގޮތަށް ބަދަލުވަމުންނެވެ. އެގޮތުން ރައީސް ސޯލިހު ހުވާ ކުރުމުގެ ރަސްމިއްޔާތައް މޯދީ ވަޑައިގެންނެވިއިރު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ވެސް ވަޑައިގަތީ އިންޑިއާ އަށެވެ.