އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރުމަށް 97 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

މިދިޔަ މަހު 23 ވަނަ ދުވަހު، ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު ހަމަވެފައި ވަނީ މިއަދަށެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު، އަލީ ސޯލިހް މިރޭ "ސަން" ވިދާޅުވީ، އެ ޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިހާބަށް ވާދަކުރުމަށް 97 ބޭފުޅުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ޓިކެޓް ދޭނެ ފަރާތްތައް އެނގިގެން ދާނެ ކަމަށެވެ.

އެނާ ވިދާޅުވީ، 97 ބޭފުޅުންގެ ވަނަވަރަށް ބެލުމަށް ފަހު، އެބޭފުޅުންނާ މެދު ގޮތެއް ނިންމަވާނީ ޕާޓީ ކައުންސިލުން އެކަމަށް ހޮވާފައިވާ ހާއްސަ ކޮމެޓީ އަކުން ކަމަށެވެ. އަދި ޓިކެޓް ދިނުމާއި ޕްރައިމަރީ އަކަށް ދާނެތޯ ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

ޝައުގުވެރިކަން ފާޅުކޮށްފައިވާ 97 ބޭފުޅުން ކުރިމަތިލާން ބޭނުންވާ ދާއިރާތައް އަދި ސާފެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އިން ވަނީ 86 ދާއިރާއަކަށް އެޕާޓީގެ ޓިކެޓް ދޭނެ ފަރާތްތައް ޔަގީން ކޮށްފައެވެ.

އަންނަ އެޕްރީލް ހަވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ކޯލިޝަންގެ ހަތަރު ލީޑަރުންގެ މެދުގައި އަދިވެސް ދާއިރާތައް ބަހާނެ ގޮތަކާމެދު ގޮތެއް ވަނީ ނުނިންމިފައެވެ.