ކަރަކާސް (ޖަނަވަރީ 24): ވެނެޒުއެލާގައި ހިނގަމުންދަނީ އެމެރިކާ އަޑީގައި އޮވެގެން ގެންނަންއުޅޭ އިންގިލާބީ ހަރަކާތްތަކެއް ކަމަށާ އެމެރިކާއާއި އެމެރިކާގެ ގޮނޑިކޮއްކޮއިންގެ އަތްމައްޗަށް ގައުމުގެ ދޫކޮށްނުލައްވާނެ ކަމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއްޖެއެވެ.

ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ އޭނާއަކީ ގައުމުގެ ރައީސްކަމަށް އަމިއްލައަށް ކުރެއްވި ދައުވާއަކީ ބަޣާވާތެއް ކަމަށް ސިފަކޮށް ގައުމުގެ އަސްކަރީ ލަޝްކަރުތައް ތިބީ މަޑޫރޯ އާކުގައިކަން ބަޔާންކޮށް ސިފައން ވަނީ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނަށްފަހު މަޑޫރޯ ވިދާޅުވީ އެމެރިކާއަކީ ދުނިޔޭގައި ނާކާމިޔާބުވެ ބަލިކަށިވަމުންދާ އެމްޕަޔާއެއް ކަމަށާއި އެމެރިކާގެ އަޑީގައި އޮވެގެން ވެނެޒުއެލާގެ ވެރިކަން ފޮރޮޅާލުމަށް ޚާއިނުންގެ ބަޔަކު ލައްވައި ކުރުވާ މަސައްކަތަކީ ވެނެޒުއެލާގެ ތެލާއި ގުދުރަތީ ވަސީލަތްތަކަށް ވެރިވެގަތުމުގެ މަސައްކަތް ކަމުގައެވެ.

ވެނެޒުއެލާއަކީ ސައޫދީ އަރަބިޔާއަށްވުރެވެސް ތެލުގެ ޒިޒާވް ބޮޑު ގައުމެކެވެ. އެމެރިކާ ވެނެޒުއެލާއަށް އަރައިގަތްނަމަވެސް ގައުމުގެ ދިފާއުގައި ސިފައިންނާއި ރައްޔިތުންނާއެކު ހަނގުރާމަކޮށް އެމެރިކާ ބަލިކުރާނެކަމަށް މަޑޫރޯ ވިދާޅުވިއެވެ.

އެމެރިކާގެ ތާއީދު ލިބިފައިވާ ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ބަޣާވާތް ކުރައްވައި އޭނާއަކީ ގައުމުގެ ރައީސްކަމަށް ވިދާޅުވެ ކުރެއްވި ދައުވާއަށް ތާއީދުކުރަނީ ހަމައެކަނި އެގައުމުގެ އިދިކޮޅު ފަރާތްތަކެވެ. ސިފައިންނާއި ގައުމުގެ އާންމުންވަނީ އެކަމާދެކޮޅުހަދާފައެވެ. އަދި އިދިކޮޅު ލީޑަރު އުޅުއްވަނީ ފިއްލަވައިގެންކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ގުއައިޑޯ އޭނާއަކީ ގައުމުގެ ރައީސްކަމަށް އަމިއްލައަށް އިއުލާނު ކުރެއްވުމުން އެމެރިކާއާއި އެމެރިކާއާ ގުޅިފައިވާ ބައެއް ގައުމުތައް އެކަން ގަބޫލުކުރިނަމަވެސް ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ގުއައިޑޯ ކުރެއްވީ ބަޣާވާތެއްކަމަށް ސިފަކޮށްފައެވެ. ބަޣާވާތެއްކަމަށް ސިފަކުރި ގައުމުތަކުގެ ތެރޭގައި ރަޝިޔާއާއި ޗައިނާގެ އިތުރުން ތުރުކީއާއި އީރާނާއި މެލޭޝިޔާއާއި މެކްސިކޯއާއި އެފްރިކާގެ ބައެއް ގައުމުތައް ހިމެނެއެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ އދގެ ޗާޓަރާއި ބައިނަލްއަގްވާމީ ގުޅުންތައް ބިނާވެފައިވަނީ ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމުގެ މައްޗަށް ކަމަށާ ނަމަވެސް ފެނިގެންދިޔައީ ވެނެޒުއެލާގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރުމުން އެމެރިކާއާއި އެމެރިކާ ގުޅިފައިވާ ގައުމުތަކުން އެކަމަށް ތާއީދުކުރި މަންޒަރު ކަމަށާ ބައިނަލްއަގްވާމީ ނިޒާމަށް ހުރި ނުރައްކަލެއް ކަމުގައެވެ.

ރައީސް މަޑޫރޯ ވަނީ ވެނެޒުއެލާގެ ހާލަތާބެހޭގޮތުން މިއަދު ރަޝިއާގެ ރައީސް ވްލަޑިމީރު ޕޫޓިން އާ ފޯނުން މަޝްވަރާކުރައްވާފައެވެ. އެމަޝްވަރާތަކުގައި ރަޝިއާގެ އަސްކަރީ އެހީއަށް އެދިވަޑައިގެންފައިނުވާ ކަމަށް ކްރެމްލިންއިން ބުނެއެވެ.

އެމެރިކާ ވަނީ ވެނެޒުއެލާގެ ބާޣީ ލީޑަރުގެ ދިފާއުގައި މަޑޫރޯގެ ސަރުކާރާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަންޖެހިއްޖެނަމަ އެކަންވެސް ކުރާނެކަމުގެ ނުސީދާ އިންޒާރެއް ދީފައެވެ. ނަމަވެސް ރަޝިއާވަނީ ވެނެޒުއެލާއަށް އަރައިނުގަތުމަށް އެމެރިކާއަށް އިންޒާރުކޮށްފައެވެ.

ވެނެޒުއެލާގެ މައްސަލާގައި ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެމެރިކާ މަސައްކަތްކުރަމުން ގެންދެއެވެ. ނަމަވެސް ރަޝިއާއާއި ޗައިނާގެ ތާއީދުނެތުމާއެކު ރައީސް މަޑޫރޯގެ ސަރުކާރު ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ބަޔާނެއް ނުނެރެވޭނެކަން ކަށަވަރުވުމުން އެބައްދަލުވުމަށް އެމެރިކާގެ ޝައުގުވެރިކަން ވަނީ ކުޑަވެފައެވެ.

މަޑޫރޯގެ ވެރިކަމުގެ ފުރަތަމަ ދައުރުނިމި ދެވަނަ ދައުރު ފެށުނުއިރު ގައުމު ވަނީ އިގްތިސާދީގޮތުން ވަރަށް ބޮޑަށް އިނދަޖެހި ދާޚިލީ ބައިބައިވުން އުފެދި އެތެރޭގެ ހަމަޖެހުމާއި ވަހްދަތަށް ނުރައްކާވާ ހިސާބަށް ކަންކަން ގޮސްފައެވެ. މިހެންދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށްދިޔުމާއި އެމެރިކާއިން ވެނެޒުއެލާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާ އަދި ރައީސް މަޑޫރޯގެ ސަރުކާރުގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާވުމުގެ ސަބަބުންނެވެ.

މަޑޫރޯ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތީ ވޯޓު އޮޅުވާލައްވައިގެންކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

(ނޫސްއެޖެންސީތައް)