ކ. ކާށިދޫ ވަލުތެރޭގައި ރޯވި އަލިފާން ގަނޑު ފުލުހުންނާއި ކައުންސިލް އަދި އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެކު ނިއްވާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކ. ކާށިދޫ އުތުރު އަވަށު ވަލުތެރޭގައި ރޯވި ކަމަގު ރިޕޯޓް ލިބިފައިވަނީ މިއަދު ހަވާރު 5:40 ހާއިރު ކަމަށާއި އަދި ގަޑިއެއްހާއިރު ތެރޭގައި އަލިފާން ގަޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން 'ސަން' އަށް ވިދާޅުވީ އަލިފާން ރޯވެފައިވަނީ ކުއްޅަވަފަލު ޗަސަ ބިމުގައި ކަމަށާއި ގާތް ގަޑަކަށް ހެކްޓެރެއްގެ ސަރަހައްދަށް އަލިފާން ގަނޑު ފެތުރުނު ކަމަށެވެ.

"ފުލުހުންނާއި ކުއުންސިލް އަދި ބައެއް އާންމުންގެ އެހީތެރިކަމާއި އެކު މިހާރު ވަނީ އަލިފާންގަނޑު ނިއްވާލެވިފަ،" ސުލްތާން ވިދާޅުވި އެވެ.

ކ. ކާށިދޫ ވަލުތެރޭގައި އަލިފާން ރޯވެފައި: މިހާރު ވަނީ އަލިފާން ކޮންޓްރޯލް ކޮށްފައި --- ފޮޓޯ: ފުލުހުން

ކާށިދޫ ވަލުތެރޭގައި އަލިފާން ރޯވިއިރު މިއަދު މެންދުރު ހދ. ނޮޅިވަރަންފަރު، ދަނޑުހެއްދުމަށް ބޭނުންކުރާ ވަލުތެރޭގައި ވެސް ވަނީ އަލިފާން ރޯވެފަ އެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވިގެން އެމްއެންޑީއެފްގެ އެހީތެރިކަމަށް ވެސް އެ ރަށުން އެދުނެވެ.

ނަމަވެސް އެމްއެންޑީއެފުން ރަށަށް އައުމުގެ ކުރިން އަލިފާންގަނޑު ކޮންޓްރޯލްކޮށް ފަހުން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު އަލިފާން ގަނޑު ވަނީ އެއްކޮށް ނިއްވާލާފަ އެވެ.

އެ އަލިފާން ގަނޑު ނިއްވާ ނުލެވި ފެތުރުމުގެ ސަބަބުން ދޮންކެޔޮ ދަނޑުތަކަށް ގެއްލުނި ލިބި ގިނަ ގަސްތަކެއް މަރުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.