ދިއްލީ (ޖެނުއަރީ 25): އިންޑިއާގެ ސިޓިޒެންޝިޕް ގާނޫނަށް ގެންނަން އުޅޭ އިސްލާހަކާ ގުޅިގެން އެގައުމުގެ އައްސާމްގައި ގިނަ އަދަދެއްގެ މީހުން މުޒާހަރާ ކުރަން ފަށައިފި އެވެ.

އެބިލަކީ ބަންގުލަދޭޝް އާއި ޕާކިސްތާނާއި އަފްގާނިސްތާނުން އިންޑިއާއަށް ލިޔެކިޔުންތަކާ ނުލާ ދިޔަ، އިސްލާމް ދީން ނޫން އެހެން ދީންތަކަށް ތަބާވާ މީހުންނަށް ރަށްވެހިކަން ދޭން ހަދާފައިވާ ބިލެކެވެ.

އެބިލަށް ފާޑު ކިޔާ ކޮންގްރެސް ޕާޓީގެ މެމްބަރުން ވަނީ އެއީ މުސްލިމުންނާ ދެކޮޅު ބިލެއް ކަމަށާއި އެއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޕާޓީން، އަންނަ މެއި މަހު އޮންނަ އާއްމު އިންތިހާބުގައި ހިންދޫންގެ ވޯޓު ހޯދުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެފަ އެވެ.

އަދި އެބިލާ ދެކޮޅަށް އައްސާމްގައި މުޒާހަރާ މީހުން ވަނީ އެއީ ގަވާއިދާ ހިލާފަށް އިންޑިއާއަށް ދިޔަ މީހުންނަށް ރަށްވެހިކަން ދޭން ހުށަހަޅާފައިވާ ބިލެއް ކަމަށް ބުނެފަ އެވެ. އެމީހުން ވަނީ "ވަކި ދީނަކަށް ނުބަލައި، ގަވާއިދާ ހިލާފަށް އިންޑިއާއަށް ދިޔަ ހުރިހާ މީހުން ޑީޕޯޓު ކުރުމަށް" ގޮވާލާފަ އެވެ.

އެމުޒަހަރާތަކުގެ ބައިވެރިން ވަނީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އޮފީސްތަކުގައި ރޯކޮށްފަ އެވެ. އަދި އެއިސްލާހު ފާސް ނުކުރުމަށް ގޮވާލައި، އައްސާމްގެ ވެރިރަށް ގުވާހަތީގައި ހުންނަ ސްޓޭޓް ވަށާ މުޒާހަރާކޮށްފަ އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން ވަނީ މިމަހުގެ އަށް ވަނަ ދުވަހު އެބިލަށް ރުހުން ދީފަ އެވެ. ނަމަވެސް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގޭގެ މެޖޯރިޓީ އޮންނަނީ އިދިކޮޅު ފަރާތްތަކަށް ކަމުން އެބިލް ފާސް ކުރުމަކީ ނާދިރު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.