06 Oct 2011, 16:32
ޓްރިޕޮލީ (އޮކްޓޯބަރ 6) : ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ މަގުތަކުން ފެންނަ ބަރުހަތިޔާރުތައް ނަގައި އެރަށުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންގެ ގިނަބަޔަކުވެސް އެރަށުން ފާއިބަމުންދާ ކަމަށް ޚަބަރުލިބިއްޖެއެވެ. ލީބިޔާގެ ކުރީގެ ޒަޢީމް ކާރނަލް މުޢައްމަރުލްގައްޒާފީގެ ވެރިކަން ވައްޓާލުމަށްޓަކައި ޓްރިޕޮލީއަށްއެރި ހަނގުރާމަވެރިން މިހާތަނަށް ދިޔައީ އެރަށުގެ ބޮޑެތި މަގުތަކުގައި ބަރުހަތިޔާރާއެކު ޙަރަކާތްތެރިވަމުންނެވެ.
ވަކިޔުނީފޯމެއްނެތި ހަނގުރާމަވެރިން ޙަރަކާތްތެރިވަމުންދަނީ ލީބިޔާގައި ސިފައިންގެ ރަސްމީ ލަޝްކަރެއްވެސް މިހާރު ނެތުމުން ސަލާމަތީ ކަންތައްތައް ބަލަހައްޓަންޖެހޭ ފަރާތަކީ ހަނގުރާމަވެރިން ކަމަށްވާތީ ކަމަށް ޓްރިޕޮލީގެ ޢަސްކަރީ މަޖިލީހުގެ ވެރިޔާ ޢަބްދުލްޙަކީމް ބިލްޙާޖް ވިދާޅުވިއެވެ.
ބިލްޙާޖްވަނީ ހަނގުރާމަވެރިން ވަކިއުސޫލެއްނެތި ޙަރަކާތްތެރިވާތަނާއި ބަރުހަތިޔާރު ޓްރިޕޮލީގެ މަގުތަކުން ފެނުމަކީ އެދެވެވިގެންވާ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. ބިލްޙާޖްވަނީ ހަނގުރާމަވެރިން ވަކިއުސޫލެއްނެތި ޙަރަކާތްތެރިވާތަން ނުފެންނަގޮތް ހެދުމަށާއި ބަރުހަތިޔާރު ޓްރިޕޮލީގެ މަގުތަކުން ނެގުމަށް ހަނގުރާމަވެރިންގެ ކޮމާންޑަރުންނަށް ގޮވާލައްވާފައެވެ.
ކާނަލް ގައްޒާފީގެ ސަރުކާރު ވައްޓާލިއިރު ލީބިޔާގެ ސިފައިންގެ ލަޝްކަރުތައް ރޫޅިފައިވީ ނަމަވެސް ލީބިޔާގެ ފުލުހުން ގެ މުއައްސަސާއޮތީ ސަލާމަތުން ކަމަށް ޚަބަރު ލިބެއެވެ. ޓްރިޕޮލީގެ ޓްރެފިކް ބެލެހެއްޓުމަށާއި އެނޫންވެސް ބައެއް ކަންކަމުގައި ޔުނީފޯމްފުލުން، ޓްރިޕޮލީގެ މަގުތަކުގައި ވަރަށް އިންތިޒާމް ގޮތަކަށް މިހާރު ޙަރަކާތްތެރިވަމުން ކަމަށް ބިލްޙާޖް ވިދާޅުވިއެވެ.
ޓްރިޕޮލީގެ މަގުތަކުން ހަނގުރާމަވެރިން ފާބައި ބަރުހަތިޔާރުތައް ނަގަމުންދާމަންޒަރު މިހާރު ފެންނަމުންދާ ކަމަށް އެރަށުގައި ތިއްބަވާ ބޭރުގެ މުރާސިލުންވެސް ބުނެއެވެ. ޓްރިޕޮލީގެ ޢަސްކަރީ މަޖިލީހުގެ ވެރިޔާ ޢަބްދުލްޙަކީމް ބިލްޙާޖް ވަނީ ޓްރިޕޮލީއަކީ މިހާރު އަމާންތަކެއް ކަމަށް ސިފަކުރައްވާފައެވެ. -- އަލްޖަޒީރާ