ހދ. ނޮޅިވަރަންފަރުގައި ދަނޑުވެރިކަމަށް ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައި އަލިފާން ރޯވެ ބޮޑުބައެއް އަނދަން ފަށައިފިއެވެ.

ނޮޅިވަރަންފަރު ކައުންސިލުގެ ރައީސް އަހުމަދު އިބްރާހިމް "ސަން"އަށް ވިދާޅުވީ، އެ ސަރަހައްދު އަނދަމުންދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:30 ހާއިރު ކަމަށެވެ. އަދި އެފަހުން އަލިފާންގަނޑު ހުއްޓުމެއް ނެތި އަނދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނދަމުން ދަނީ ދަނޑުވެރިކަން ކުރާ ސަރަހައްދުގެ ދެކުނު ފަރާތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ، ބެލެވޭ ގޮތުގައި އަލިފާންގަނޑު ފެތުރުނީ ދަނޑުވެރިކަން ކުރާ ސަރަހައްދުގެ ދެކުނު ފަރާތުގައި އޮންނަ ވަލު ތެރޭގައި ބަޔަކު ރޯކޮށްލުމުން ކަމަށެވެ.

ނޮޅިވަރަންފަރު ދަނޑުބިމުގައި ރޯވެފައި -- ފޮޓޯ/ އަހްމަދު އިބްރާހިމް ---

އެ ސަރަހައްދުގައި އޮންނަ ދަނޑަކަށް އަދި ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ، އެއް ދަނޑުގެ ވަށައިގެން ޖަހާފައި އޮތް ދާގަނޑު ހަލާކުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އަލިފާންގަނޑު ހުއްޓުވުމަށް ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ފުލުހުންނާއި އާންމުން ގުޅިގެން ލޮރީއަށް ފެން އަރުވައިގެން އައިސް ފެން ޖަހަމުންދާ ކަމަށް ވިދާޅުވިއެވެ.

މިހާރު އަލިފާންގަނޑު ހުއްޓުވުމަށް އެމްއެންޑީއެފްގެ އެހީ ހޯދުމަށްް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.