އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ނިއުޔޯކްގައި ތިއްބަވާ ބައެއް ގައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި، ޚާރިޖީ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު އިއްޔެ ވަނީ ނިއުޔޯކްގައި ބޭއްވި ބައްދަލުވުންތަކުގެ ތެރޭގައި ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާވެސް ބައްދަލުކުރެއްވިއެވެ.

އޭގެ ތެރޭގައި ކުވައިތުގެ ފޮރިން މިނިސްޓަރު ޝެއިޚް ސޮބާދު އަލް ޚާލިދާއި ބެލްޖިއަމްގެ ފޮރިން މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ޑިޑިއޭ ރޭންޑާޒް ހިމެނެއެވެ.

މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައިގައި ބެލްޖިއަމާ ގާތުން މަސައްކަތްކުރުމަށް ރާއްޖެއިން ބޭނުންވާ ކަމަށެވެ. އަދި ބެލްޖިއަމްގެ އިތުރުން ކުވައިތާ ރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު ޝާހިދު އިއްޔެ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި އެމެރިކާގައި ހުންނަވާ ފިޖީގެ ސަފީރު އަދި ދާއިމީ މަންދޫބު ސަތިޔެންދްރާ ޕްރަސާދު އަދި އަޔަލެންޑުގެ ސަފީރު އަދި މަންދޫބު ޖެރަލްޑީން ނޭސަން ހިމެނެއެވެ. މިނިސްޓަރު ޓްވީޓުކުރައްވައި ވިދާޅުވީ ސްމޯލް އައިލެންޑްސް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް)ގެ މަސައްކަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން އެދޭކަމަށެވެ.

މިނިސްޓަރު ބައްދަލުކުރެއްވި އިތުރު ބޭފުޅުންގެ ތެރޭގައި އދގައި ހުންނަވާ އިންޑިއާގެ މަންދޫބު ސައީދު އަކްބަރުއްދީން، ސިންގަޕޫރުގެ މަންދޫބު ބުރުހާން ގަފޫރު، ޖަޕާނުގެ މަންދޫބު ކޮތޯ ބެޝޯ، ޔޫއޭއީގެ މަންޒޫބު ލާނާ ޒަކީ ނުސައިބާ، ކެނެޑާގެ މަންދުބު މާކް އަންޑްރޭ ބްލެންޗާޑް، ސައުދީ މަންދޫބު އަބްދުﷲ އަލް މުއައްލަމީ އަދި ނައިޖީރިއާގެ މަންދޫބު ޓިޖާނީ މުހައްމަދު ބަންޑޭ ހިމެނެއެވެ.

މިނިސްޓަރު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި މިވަގުތު ނިއުޔޯކުގައި ހުންނެވި އިރު، އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ޝާހިދު އެމެރިކާއަށް ކުރައްވާ ދަތުރުފުޅަށްފަހު ދެން ވަޑައިގަންނަވާނީ އިނގިރޭސި ވިލާތަށެވެ.