25 Jan 2019, 13:35
މޯލްޑިވްސް އިމިގްރޭޝަނުން އެ އިދާރާގެ ތަފާސް ހިސާބުތައް އާންމު ކުރަން މިއަދު ފަށައިފި އެވެ.
މިދިޔަ ހަފްތާގައި އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސެއިން (ހަނަފީ) ވިދާޅުވެފައި ވަނީ ހަފްތާއަކު އެއްފަހަރު އިމިގްރޭޝަންގެ ތަފާސް ހިސާބުތައް އާންމު ކުރައްވާނެ ކަމަށެވެ.
މިއަދު އިމިގްރޭޝަނުން ވަނީ ފުރަތަމަ ފަހަރަށް، ތަފާސް ހިސާބުތައް އާންމުކޮށްފައެވެ. އިމިގްރޭޝަނުން މިއަދު އާންމު ކުރީ ރާއްޖެއިން ބޭރުން މަސައްކަތު މީހުން ގެނައުމަށް ދޫކުރާ ކޯޓާއާއި ޕާސްޕޯޓާ ގުޅޭ ޖެނުއަރީ މަހުގެ ތަފާސް ހިސާބުތަކެވެ.
އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، އެންމެ ގިނައިން މީހުން ގެންނަން ކޯޓާއަށް އިމިގްރޭޝަނުގައި އެދިފައި ވަނީ ރިސޯޓު/ގެސްޓްހައުސް ދާއިރާއިންނާއި، ކޮންސްޓްރަކްޝަން ދާއިރާއިންނާއި، ހޯލްސޭލް/ރީޓެއިލް ދާއިރާއިންނެވެ.
ރިސޯޓު/ގެސްޓްހައުސް ދާއިރާއިން 284 މީހަކު ގެނައުމަށް އެދިފައިވީ ނަމަވެސް އަދި ހުއްދަ ދީފައި ވަނީ 157 މީހުން ގެނައުމަށެވެ. ހޯލްސޭލް ދާއިރާއިން 197 މީހުން ގެނައުމަށް އެދިފައިވީ ނަމަވެސް އަދި ހުއްދަ ދީފައި ވަނީ 45 މީހުން ގެނައުމަށެވެ. ކޮންސްޓްރަކްޝަން ދާއިރާއިން 159 މީހުން ގެނައުމަށް އެދިފައިވީ ނަމަވެސް އަދި ހުއްދަ ދީފައި ވަނީ 20 މީހުން ގެނައުމަށެވެ.
ޕާސްޕޯޓާ ގުޅޭ ތަފާާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 20 ވަނަ ދުވަހުން 24 ވަނަ ދުވަހާ ހަމައަށް 1032 މީހެއްގެ ޕާސްޕޯޓު ހެދުމަށް އިމިގްރޭޝަނަށް ވަނީ ހުށަހަޅާފަ އެވެ. އަދި އެ އިދާރާއިން ވަނީ އެ މުއްދަތުގެ ތެރޭގައި 694 ޕާސްޕޯޓު ހަދައިދީފަ އެވެ.