25 Jan 2019, 13:17
ކަރާކަސް (ޖެނުއަރީ 25): ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އިސްތިއުފާ ދެއްވައިފިނަމަ އޭނާގެ މައްޗަށް ދައުވާ ކުރުމުގެ ބަދަލުގައި މާފު ދެއްވާނެކަމުގެ އިޝާރާތެއް އިދިކޮޅު ލީޑަރު ކުރައްވައިފިއެވެ.
ވެނެޒުއޭލާގެ ކޮންގްރެސްގެ ރައީސް ހުއާން ވައިޑޯ ވިދާޅުވި ގޮތުގައި 1970އިގެ އަހަރުތަކުގައި ޗިލީގައި އޮތް އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް، އެގައުމަށް އަނެއްކާވެސް ޑިމޮކްރަސީއެއް ގެނައީ އޭރުގެ ސަރުކާރުގެ ބައެއް ފަރާތްތަކަށް މާފު ދޭނެ ކަމުގެ ޔަގީންކަން ދީގެންނެވެ. އެހެންކަމުން ވެނެޒުއޭލާގައިވެސް "ގާނޫނީ ވެރިކަން އިޔާދަކުރަން އެހީވެދޭ ބަޔަކަށް މާފު ދިނުމަކީ" އެކަށީގެންވާ ކަމެއް ކަމަށް ގުއައިޑޯ ވިދާޅުވިއެވެ.
މިދިޔަ ބުދަ ދުވަހު ގުއައިޑޯ ވަނީ ވެނެޒުއޭލާގެ ރައީސަކީ އޭނާ ކަމަށް އިއުލާން ކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް މަޑޫރޯ ދެވަނަ ދައުރަކަށް އިންތިހާބުވީ ވޯޓު އޮޅުވާލައްވައިގެންނެވެ. އެހެންކަމުން މަޑޫރޯގެ ވެރިކަން ގަބޫލެއް ނުކުރެވޭނެ ކަމަށެވެ.
އަދި އެމެރިކާއާއި ކެނެޑާގެ އިތުރުން ބްރެޒިލްއާއި ކޮލޮމްބިއާއިން ވަނީ ގުއައިޑޯއަކީ ރައީސްކަމަށް ބަލައިގަންނަކަމަށް ބުނެފައެވެ. އޭގެ ސަބަބުން މަޑޫރޯ ވަނީ ނުރުހުން ފާޅުކުރައްވައި އެމެރިކާއާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލަން ނިންމަވާފަ އެވެ. އަދި ވެނެޒުއޭލާގައި ތިބި އެމެރިކާގެ ޑިޕްލޮމެންޓުން އެގައުމުން ދިޔުމަށް އަންގަވާފަ އެވެ.
އެމެރިކާގެ އެނިންމުމާ ގުޅިގެން ތުރުކީ، ރަޝިއާ އަދި ޗައިނާއިން ވަނީ މަޑޫރޯ ދިފާއުކޮށްފައެވެ. އަދި ބޭރު ގައުމުތަކުން އެހެން ގައުމުތަކުގެ ދާހިލީ މައްސަލަތަކުގެ ތެރެއަށް ނުވަނުމަށް ގޮވާލާފައެވެ.
ދެހާސްތޭރަވަނަ އަހަރު ރައީސްކަމަށް ވަޑައިގެންނެވި މަޑޫރޯ ވަނީ މިދިޔަ އަހަރުގެ މެއި މަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް އެއިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ އިންތިހާބު ބޯއިކޮޓްކޮށްފައެވެ.
މަޑޫރޯގެ ވެރިކަމުގައި ވެނެޒުއެލާގެ އިގްތިސާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އޭގެ ސަބަބުން ގައުމުގައި ކާނާއާއި ބޭސް ލިބުން ދަތިވެ އެތައް މިލިއަން މީހުން ވަނީ ގައުމު ދޫކޮށް ގޮސްފައެވެ.
އެމައްސަލަތަކާ ގުޅިގެން ގިނަ އަދަދެއްގެ މީހުން ދަނީ މަޑޫރޯގެ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. ވެނެޒުއޭލާގައި ހުންނަ އޮބްޒަވޭޓަރީ އޮފް ސޯޝަލް ކޮންފްލިކްޓުން ބުނި ގޮތުގައި އެމުޒާހަރާތަކުގައި މިހާތަނަށް 26 މީހުން ވަނީ މަރުވެފައެވެ.