ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަނެއްކާ ވެސް އެ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

ނާޒިމް ދިއްގަރު ދާއިރާއަށް ވާދަ ކުރަން ނިންމެވިކަން ހާމަ ކުރައްވައި އިއްޔެ ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އޭނާ އެ ދާއިރާއަށް ކުރިމަތިލައްވަނީ އަމިއްލަ ގޮތުންނެވެ.

އެންމެ ފަހުން 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނާޒިމެވެ. އެހެން ނަމަވެސް، އޭނާގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވުމުން އުމުރު ދުވަހަށް ޖަލަށް ލާން ކުރި ހުކުމާ އެކު އޭނާގެ ގޮނޑި ވަނީ ގެއްލިފަ އެވެ. އޭނާއަށް ފަހު އެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވީ މިހާރު އެ ދާއިރާގެ މެމްބަރަކަށް ހުންނެވި އަހުމަދު ފާރިސް މައުމޫނެވެ.

ނާޒިމްގެ ގޮނޑި ގެއްލުނީ، ކުރީގެ އެޓޮލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް މަކަރާއި ހީލަތުން ޕްރޮޖެކްޓެއް ކާމިޔާބު ކުރި މައްސަލަ ސުޕްރީމް ކޯޓުގައި ސާބިތުވުމުންނެވެ.

އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމަށް ނިމި ދިޔަ ރިޔާސީ އިންތިހާބަށް ފަހު ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެއާ އެކު އަދި ގިނަ ދުވަސްތަކެއް ވަންދެން އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު އޭނާ ވަނީ އެނބުރި ރާއްޖެ ވަޑައިގެންފަ އެވެ. އެއަށް ފަހު މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ ހުކުމް ބާތިލް ކޮށްފައެވެ.