06 Oct 2011, 16:21
ސަރުކާރު 48 ޕަސެންޓް ހިއްސާވާ މުވާސަލާތީ ކުންފުނި، ދިރާގުގެ 15 ޕަސެންޓް ހިއްސާ ވިއްކުމުގައި ހިފެހެއްޓުމެއް ނެތި ބޭނުން އަދަދަކަށް ހިއްސާ ގަނެވޭ ގޮތަށް ހަމަޖެހިފައި އޮތުމުގެ ބޭނުމަކީ އިނގިރޭސި ވިލާތުގެ ކޭބަލް އެންޑް ވަޔަލަސް އަށް ދިރާގުގެ ހިއްސާ ވިއްކާލުމަށް ސަރުކާރުން ރާވާފައިވާ ކަމެއް ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް( އިން މިއަދު ތުހުމަތުކޮށްފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ވަގުތީ ސްޕޯކްސް ޕާސަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ ދިރާގުގެ 15 ޕަސެންޓް ހިއްސާ ވިއްކާލުމަށް ނިންމީ އެ ހިއްސާގެ ތެރެއިން ބޮޑު ބައެއް ކޭބަލް އެންޑް ވަޔަލެސްއަށް ވިއްކާލުމުގެ ބޭނުމުގައި ކަމަށް "ވަރަށް އެތެރެއެތެރެ އިން މައުލޫމާތު" ލިބިފައިވާ ކަމަށެވެ. އަދި ދިވެހިންނަށް ދިރާގުގެ ހިއްސާ ވިއްކާލަނީ ކަމަށް އިއުލާންކޮށް ބޭރުގެ ފަރާތްތަކަށާއި ބޭރުގެ ބޮޑެތި ކުންފުނިތަކަށް ދިރާގުގެ ހިއްސާ ގަނެވޭނެ ދޮރު ހުޅުވާލުމަކީ ޕީޕީއެމް އިން ކަންބޮޑުވާ ކަމެއް ކަމަށް މަހުލޫފު ވިދާޅުވި އެވެ.
"އެމްޑީޕީ ވެރިކަމަށް އައިސް ފުރަތަމަ ވެސް ދިރާގުގެ ބޮޑު ޝެއާއެއް ވިއްކާލީ. އެއަށް ފަހު މިހާރު އަލުން 15 ޕަސެންޓް ދިވެހި ރައްޔިތުންނަށް ވިއްކަނީއޭ ކިޔާފައި މިކުރާ މަސައްކަތަކީ މި ހިއްސާ އަނެއްކާ ވެސް މިވިއްކާލަނީ ކޭބަލް އެންޑް ވަޔަލެސް އަށް. ފަނަރަ ޕަސެންޓްގެ ތެރެއިން ބޮޑު ބައި ގަންނާނީ ކޭބަލް އެންޓް ވަޔަލެސް އިން ކަން އަޅުގަނޑުމެންނަށް އެތެރެއެތެރެއިން ވަރަށް ކުރިން ވެސް މައުލޫމާތު ލިބިފައިވޭ،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުގައި ބުރަ މަސައްކަތްތަކެއް ކޮށްގެން ވުޖޫދަށް ގެނެސްފައިވާ ކުންފުނިތަކުގެ ހަރުމުދާތައް އެމްޑީޕީގެ ސަރުކާރުން ވިއްކަމުން ދިއުމަކީ ދިވެހިންނަށް އެކަމުގެ ހިތި ތަޖުރިބާ ކުރަންޖެހިދާނެ ކަމެއް ކަމަށެވެ.
ސަރުކާރު 48 ޕަސެންޓް ހިއްސާވާ ކުންފުނީގެ 15 ޕަސެންޓް ހިއްސާ ވިއްކާލުމުން އެ ކުންފުނީގައި ސަރުކާރުގެ ހިއްސާވާ މިންވަރު 33 ޕަސެންޓަށް ދަށްވެގެންދާނެ އެވެ.
އެމްޑީޕީގެ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު، އެ ކުންފުނީގައި އޮތް ސަރުކާރުގެ 55 ޕަސެންޓް ހިއްސާގެތެރެއިން ހަތް ޕަސެންޓް ވަނީ 2009 ވަނަ އަހަރު ކޭބަލް އެންޑް ވަޔަލެސްއަށް 40 މިލިއަން ޑޮލަރަށް ވިއްކާލާފަ އެވެ. ސަރުކާރުގެ ހިއްސާގެ ތެރެއިން 11.4 މިލިއަން ހިއްސާ އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ހިއްސާއެއް ވިއްކާނީ 80ރ. އަށެވެ. ކުރިމަތިލާ ތަރުތީބުން ފުރަތަމަ، ކޮންމެ މީހަކަށް 25 ހިއްސާ ޔަގީންކޮށްދޭނެ ކަމަށް ދިރާގުން ބުނެ އެވެ. އަދި ބުނެފައިވަނީ ހިއްސާ އެކަށަ އެޅުމުގައި އިސްކަން ދޭނީ އެންމެ ފުރަތަމަ ކުރިމަތިލާ ފަރާތްތަކަށް ކަމަށެވެ.
ޕީޕީއެމްގެ ތުހުމަތާ ގުޅޭ ގޮތުން އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީ މިއަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ދިރާގުގެ ހިއްސާ ވިއްކުން ކަމަށާއި ވަކި ބަޔަކު އިސްތިސްނާކޮށް، ވަކި ބަޔަކަށް ފުރުސަތު ބޮޑުވާ ގޮތަށް އެކަން ކުރުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން ހިއްސާ ގަތުމަށް އިސްނަގާ ފަރާތްތްތަކަށް އިސްކަން ދެއްވާނެ ކަމަށެވެ.