25 Jan 2019, 10:33
ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު އެންމެ ފަހުން ޑައިރެކްޓު ކުރި ފިލްމު "އޭ ދިލް ހޭ މުޝްކިލް" ގައި އަނުޝްކާ ޝަރްމާ އަދާކުރި "އަލީޒޭ"ގެ ކެރެކްޓާ ފިލްމުގައި މަރާލި ސަބަބާއި ގުޅޭގޮތުން ކަރަން ދެއްކި ވާހަކަތަކުން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
ހަފިންގްޓަން ޕޯސްޓަށް ދިން އިންޓަވިއު އެއްގައި ކަރަން ބުނީ 'އޭ ދިލް ހޭ މުޝްކިލް' އަކީ އޭނާއަށް ވަރަށް ޕާސަނަލް ފިލްމެއް ކަމަށެވެ. ފިލްމުގައި ރަންބީރު އަދާކުރި އަޔާންގެ ރޯލުގެ ފަހަތުގައި ވަނީ ކަރަން އަށް ދިމާވި "ހާޓްބްރޭކް" ގެ ވާހަކަ ކަމަށާއި، އަނުޝްކާ ގެނެސްދީފައި ވާނީ ކަރަންގެ ކުރީގެ ލޯބިވެރިއެއްގެ ވާހަކަ ކަމަށެވެ.
"އަލީޒޭ އަޔާން ދެކެ ލޯތްބެއް ނުވި އެހެންވީމަ އަލީޒޭ ޖެހޭ މަރުވާން. އެއީ އަހަރެން ލިޔުނު ކެރެކްޓާއެއް. އަޔާން އޭނާ ދެކެ އިންތިހާއަށް ލޯބިވި އިރުވެސް އޭނާއަށް އަޔާން ދެކެ ލޯބި ނުވެވުނީ ކީއްވެ؟ އެހެންވެ ކެންސަރު ޖެހިގެން އަލީޒޭ މަރުވީ،" ކަރަން ބުންޏެވެ.
ކަރަން ބުނީ އެންމެން އޭނާ އާއި އެއްބަސް ނުވާނެކަން އެނގޭ ކަމަށާއި ކަރަން ހެދީ އޭނާއަށް ލިބުނު ހިތާމަ އިން އަރައިގަތުމަށް ކަމަށެވެ. އަދި އަޔާން ދެކެ ލޯބިނުވުމުން އަލީޒޭ އަށް ލިބުނު އަދަބަކީ މަރު ކަމަށް ވެސް ކަރަން ބުންޏެވެ.
ކަރަންގެ ވާހަކަތަކުން އޭނާ ދެކެ ލޯބި ނުވާ މީހުން މަރުވާން އޭނާ އެދޭކަމަށް ދޭހަވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.