25 Jan 2019, 11:11
އިންޑިއާގެ ދަރިވަރުންތަކެއް އުފެއްދި ސެޓެލައިޓެއް އެގައުމުގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރުއޯ)އިން ލޯންޗުކޮށްފިއެވެ.
ބަރުދަނުގައި އެންމެ 1.26 ކިލޯ ހުންނަ ކަލާމްސެޓް-ވީ2 އުފެއްދީ އިންޑިއާގައި ސައިންސާއި ޓެކްނޮލޮޖީއާ ބެހޭ ތައުލީމު ފޯރުކޮށްދޭ ޖަމްއިއްޔާއެއް ކަމަށްވާ ސްޕޭސް ކިޑްސް އިންޑިއާއިންނެވެ. އެސެޓެލައިޓަށް ނަން ދީފައި ވަނީ އިންޑިއާގެ ކުރީގެ ރައީސް އަދި އޭރޯސްޕޭސް ސައިންޓިސްޓު ޑރ. އޭޕީޖޭ އަބްދުލްކަލާމްއަށް ނިސްބަތްކޮށެވެ.
ސްޕޭސް ކިޑްސް އިންޑިއާގެ ސީއީއޯ ސްރިމަތީ ކެސަން ވިދާޅުވި ގޮތުގައި ދަރިވަރުންގެ ޓީމަކުން އެސެޓަލައިޓު ހަދަން ނެގީ އެންމެ ހަ ދުވަހެވެ. އަދި އެކަމަށް ހަރަދުކޮށްފައި ވަނީ 1.2 މިލިއަން ރުޕީސް (16,887 ޑޮލަރު) އެވެ.

އައިއެސްއާރުއޯއިން ބުނި ގޮތުގައި މިސެޓެލައިޓަކީ ޖައްވަށް ފޮނުވާލި އެންމެ ލުއި ސެޓެލައިޓު -- ފޮޓޯ: ސްޕޭސްކިޑްސްއިންޑިއާ
ރޭގެ ވަގުތެއްގައި އައިއެސްއާރުއޯއިން އެސެޓެލައިޓު ލޯންޗުކުރީ އެގައުމުގެ ޕޯލާ ސެޓެލައިޓު ލޯންޗު ވެހިކަލް (ޕީއެސްއެލްވީ)އިންނެވެ. އަދި ކަލާމްސެޓްއާ އެއްކޮށް ވަނީ މައިކްރޯސެޓް-އާރު ކިޔާ އެހެން ސެޓެލައިޓެއްވެސް ލޯންޗުކޮށްފައެވެ. އެއީ އިންޑިއާގެ އަސްކަރިއްޔާއިން ދުނިޔޭގެ ހައި-ރެޒޮލިއުޝަން ފޮޓޯތައް ނަގަން ބޭނުންކުރާނެ ސެޓެލައިޓެކެވެ.
އައިއެސްއާރުއޯއިން ބުނި ގޮތުގައި މިފަހަރުގެ ލޯންޗުގައި އިތުރު ތަފާތު ކަމެއްވެސް ހިމެނެއެވެ. އެއީ ސެޓެލައިޓު ލޯންޗު ކުރަން ބޭނުން ކުރި ރޮކެޓު، ޕީއެސްއެލްވީގެ ބަޔެއް ޖައްވުގައި ކުދި އެކްސްޕެރިމެންޓުތައް ހެދުމަށް ބޭނުން ކުރެވޭ ގޮތަށް ހަދާފައިވުމެވެ.

ކަލާމްސެޓް އުފެއްދީ ސްޕޭސް ކިޑްސް އިންޑިއާގެ ދަރިވަރުން -- ފޮޓޯ: ސްޕޭސްކިޑްސްއިންޑިއާ
އައިއެސްއާރުއޯގައި އިސްކޮށް ހުންނަވާ ކޭ ސިވާން ވިދާޅުވި ގޮތުގައި ކަލާމްސެޓްއަކީ ޖައްވަށް ފޮނުވާލި އެންމެ ލުއި ސެޓެލައިޓެވެ. އަދި އެއީ އަމިއްލަ ބަޔަކު އުފެއްދި ސެޓެލައިޓެއް އައިއެސްއާރުއޯއިން ލޯންޗު ކުރި ފުރަތަމަ ފަހަރެވެ.
ސިވާން އިތުރަށް ވިދާޅުވި ގޮތުގައި ދަރިވަރުން އުފައްދާ ސެޓެލައިޓުތައް ލޯންޗުކުރުމުގެ މައިގަނޑު މަގުސަދަކީ ޖައްވުގައި އެކްސްޕެރިމެންޓުތައް ހެދުމަށް ދަރިވަރުންނަށް ފުރުސަތު ދިނުމެވެ. އަދި އެ ކޮމިއުނިކޭޝަން ސެޓެލައިޓު ލޯންޗު ކުރުމާއެކު "އެހެން ސްކޫލު ކުދިންނަށްވެސް ސައިންޓިސްޓުންނަށާއި އިންޖިނިއަރުންނަށް ވުމަށް ޝައުގު އުފެދޭނެ"އެވެ.