ރައްޔިތުންގެ މަޖިލިސް ވާންޖެހޭނީ ރިޔާސީ ނިޒާމް ހިފަހައްޓާ މަޖިލީހަކަށް ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވިލިމާލެ ދާއިރާ މަޖިލިސް ގޮނޑިއަށް ކުރިމަތިލައްވާ ޑރ. ޖަމީލްގެ ކެމްޕޭން ފެށުމަށް ރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ވާންޖެހޭނީ ވަކި ބައެއްގެ ކިއްލާއަކަށް ނޫން ކަމަށެވެ. އަދި އެ މަޖިލިސް ވާން ޖެހޭނީ ރާއްޖެ ގެނައި ނިޒާމް ހިފަހައްޓާ މަޖިލީހަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެ ވާހަކަ އޮޅުވާލައިގެން ދައްކައިގެން ނުވާނެ. އަޅުގަނޑުމެން ގެނައި ނިޒާމަކީ ތިން ޒުވާނުންނަށް އެނގޭނެ ރިޔާސީ ނިޒާމެއް. އެ ނިޒާމުގައި ރައްޔިތުންގެ މަޖިލިސް ކުރަން ޖެހޭ އެންމެ ބޮޑު މަސައްކަތަކީ ފާރުވެރި ނަޒަރަކުން ދެން ތިބި ފަރާތްތަކުން ކުރާ މަސައްކަތްތައް ބެލެހެއްޓުން. އެކަން ބެލެހެއްޓޭނީ ރައްޔިތުންގެ މަޖިލީހަކީ ވަކި ރަށަކަށް ވަކި މީހަކަށް ވަކި ޕާޓީއަކަށް ވަކި ކުލައަކަށް ނިސްބަތްކޮށް ހޮވާ ތަނަކަށް ހޮވައިގެނެއް ނޫން." ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލްގެ މަޖިލިސް ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އަދި އެކަން ކުރެވޭނީ އެކަން ކުރެވޭފަދަ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ބަޔަކު މަޖިލީހަށް ގެންގޮސްގެން ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުގެ ޒިންމާއަކީ މަޖިލީހާ ވާހަކަ ދައްކައިގެން މަސައްކަތްކުރުން ކަަމަށެވެ.

"އެއީ ރިޔާސީ ނިޒާމެއްގައި މަޖިލިސް އައިސްފައި އޮތް ބޭނުމަކީ. ޖުމްހޫރީ ޕާޓީ ޖުމހޫރުން މިފަހަރުވެސްް ރާއްޖޭގެ ރައްޔިތުންނަށް ތަކުލީފާ ވޭނާ ބުރަޔާ ހިތްދަތިކަމާ އަނިޔާއަށް މިކަންތައްތައް ދިމާވި ވަގުތުގައި ތެދުވީ ޖުމްހޫރުން. ޖުމްހޫރީ ޕާޓީން ޖުމްހޫރުން ނިކުތީ. އެއީ ޖުމްހޫރީ ޕާޓިއާއި އަދާލަތު ޕާޓީއާ ރައީސް މައުމޫންއާ އެމްޑިޕީއާ މިއީ ޖުމްހޫރުން ގެނައި ވެރިކަމެއް،" އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލިސްއާ ސަރުކާރުން ވާހަކަ ދައްކަން ޖެހޭނެ ކަަމަށާއި އަދި ސަރުކާރުން ބޭނުންވާ ކަންތައްތައް މަޖިލީހުގެ ތެރެއިން ކުރުމަށްޓަކައި އެ ހިތްވަރު ނެރެން ޖެހޭނެ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.