ޖުމްހޫރީ ޕާޓީން ޕީޕީއެމްއާ ގުޅެންޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ ގުޅޭނެ ކަމަށާއި އެއީ ވަރަށް ސާފު ކަމެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާއަށް ވާދަ ކުރައްވަން ކެމްޕެއިން ފެއްޓުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ޖޭޕީން އެކި ޕާޓީތަކާއި ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ތަފާތު ވާހަކަތައް ދައްކަމުންދާ ކަމަށެވެ.

"ގުޅެންޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ ޖުމްހޫރީ ޕާޓީން ގުޅޭނެ. ވަރަށް ސާފު މައްސަލައެއް އެވެސް. ޖުމްހޫރީ ޕާޓީގެ ލީޑަރަކީ އެވަގުތެއްގައި ކުރަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ [ބޭފުޅެއް]." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގާސިމަކީ ރަައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުން އެދިވަޑައިގެން ހާލަތެއްގައި އެއީ ކޮންމެ ޕާޓީއެއްގެ މެމްބަރުން ވިޔަސް ބައްދަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

މި ސަރުކާރު ދަމަހައްޓަން ގާސިމަށްވުރެ ބޮޑަށް މަސައްކަތް ކުރައްވާނެ ބޭފުޅެއް ނުހުންނަވާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އެމަނިކުފާނު ދެއްވާފައި އޮތް ޔަގީން ކަމަކީ އަޅުގަނޑުމެންނަށް. މިސަރުކާރު ދެމެހެއްޓުމަށްޓަކައި އެމަނިކުފާނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް،" ކާނަލް ނާޒިމް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ އަރިހުގައި ގާސިމް ހުންނަވާނެ ކަމުގެ ޔަގީންކަން އަރުވަމުން ދާކަމަށާއި އެއަށް ބަދަލު ނާންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ.

" އެހެންވީމަ މިދައްކަވާ ވާހަކަތައް ބަދަލުކޮށް ޓްވިސްޓްކޮށް މީޑިއާގައި ދައްކަވައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަވަން އުޅުއްވާނެ ކަމެއް ނެތް." ނާޒިމް ވިދާޅުވިއެވެ.