24 Jan 2019, 23:37
އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ހުއްދަ ދިން ކަމުގައިވީ ނަމަވެސް އެ ޕާޓީގެ ހުއްދަ ބާތިލް ވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
މިރޭ އާންމު ކުރި ސިޔާސީ ޕާޓީތަކުގެ އާ ގަވާއިދުގައި ވާގޮތުން ޕާޓީއެއް އުފައްދަން ހުއްދަދީފައި ވަނިކޮށް އެހެން ޕާޓީއެއްގެ މުދަލާއި ވަސީލަތް ބޭނުންކޮށްގެން ޕާޓީ އުފައްދާކަން ތަހުގީގަށް ސާބިތުވެއްޖެ ނަމަ ޕާޓީ ހަދަން ދިން ހުއްދަ ބާތިލު ކުރެވޭނެ އެވެ.
ސިޔާސީ ޕާޓީތަކުގެ އާ ގަވައިދުގައިވާ ގޮތުން އެފަދަ ކަމެއް ކޮމިޝަންގެ ތަހުގިގަށް ސާބިތުވެއްޖެ ނަމަ، އާންމު މަސްލަހަތަށް ބަަލައި، އެ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ ބާތިލް ކުރުމުގެ އިހްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
އަދި ހުއްދަދީފައިވާ ފަރާތުން ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުންދަނީ ނުރަނގަޅު ނުފޫޒާއި ބާރު ބޭނުންކޮށްގެން ނުވަތަ އޮޅުވައިލައިގެން ކަމަށް ސާބިތުވެއްޖެނަމަވެސް، ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ބާތިލް ކުރެވޭނެ ކަމަށް އެ ގައިވާއިދުގައި ވެއެވެ.
ކޮންގްރެސް ޕާޓީ އުފެއްދުމަށް މިދިޔަ މަހު 27 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީގެ މުއައްސިސް އަދި ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް ހުއްދަ ދީފައެވެ. އަދި ޕާޓީ ރަޖިސްޓްރީ ކުރުމަށް 3،000 މީހުން ހަމަވުމުން ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ހުއްދަދީފައެވެ.
ކޮންގްރެސް ޕާޓީ އުފެއްދުމަށް ޕީޕީއެމްގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަމުން ދާކަމަށް އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ނިސްބަތްވާ މައުމޫން ރީޕޯމް މޫވްމަންޓްއާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ގެ ބައެއް މެމްބަރުން ވެސް ވަނީ ތުހުމަތު ކޮށްފައެވެ. އަދި ޕީޕީއެމްގެ އޮފީސް ތެރޭ ކޮންގްރެސް ޕާޓީ އަށް މެމްބަރުން ސޮއި ކުރަމުންދާ ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.
ކޮންގްރެސް ޕާޓީއަށް ވަނުމަށް އެދޭ ފޯމުގައި ޕާޓީގެ އިދާރާގެ ނަމަކަށް ޖަހާފައި ވަނީ ވެސް ޕީޕީއެމްގެ އިދާރާ ކަމުގައި ހ. ހުރަފައެވެ.
ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ރޫމް ތެރޭގައި ކޮންގްރެސް ޕާޓީއަށް ސޮއިކޮށްފައިވާ މެމްބަރުން ހަރަކާތްތެރިވަމުންދާ ތަނާއި އެ ރޫމް ތެރޭގައި ކޮންގްރެސް ޕާޓީގެ ބޮޑު ޕޯސްޓަރު ބަހައްޓާފައިވާތަން ބައެއް ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
ހުއްދަދީފައިވާ ފަރާތުން އުފެއްދުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީ ނިސްބަތްވާ ފަރާތްތަކަކަކީ ހިނގަމުންދާ އެހެން ޕާޓީއެއްގެ ލީޑާޝިޕްގައި މަސައްކަތްކުރާ ފަރާތްތަތަކަށްވެފައި، އެފަރާތްތަކުން އެ ޕާޓީއެއްގެ ނަން ބޭނުންކޮށްގެން އިތުރު އެހެން އާންމު ފަރުދެއްގެ ނުވަތަ މަޢުނަވީ ޝަހްސެއްގެ މަސްލަތާ ގުޅިފައިވާ މުއާމަލާތެއްގެ ތެރެއަށް ޕާޓީ ވެއްދުމަށްފަހު، ޕާޓީގެ ފަރާތުން އަދާކޮށްދޭންޖެހޭ ޒިންމާ އަދާކޮށްފައިނުވުން ވެސް ހުއްދަ ބާތިލް ކުރެވޭ ކަންތައްތައްކުގެ ތެެރޭގައި އެ ގަވައިދުގައި ބުނެފައި ވެއެވެ.
އަދި އެ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާއެއް ބަލާއިރު، ޖިނާއީ ކުށުގެ ޢަމަލެއް ހިމެނޭކަމަށް ފެންނަނަމަ، އެ މައްސަލައެއް ތަޙުޤީޤުކުރުމަށް ކަމާބެހޭ އިދާރާއަށް ފޮނުވުމުގެ އިޚްތިޔާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ކަމަށް ގަވައިދުގައި ބުނެފައި ވެއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. އަދި މި ގަވާއިދަށް ޢަމަލުކުރަން ފެށުމަށްފަހު، މި ގަވާއިދަށް ގެނެވޭ އިސްލާހަކަށް ވެސް އަމަލުކުރަން ފަށާނީ، ސަރުކާރުގެ ގެޒެޓުގައި އެ އިޞްލާޙެއް ޝާއިޢުކުރާ ދުވަހުން ފެށިގެން ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.