ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސަރުކާރާ ބެހޭ ގޮތުން އަދި ކޯލިޝަނާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވައިފި އެވެ.

މިރޭ ވިލިމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ސޯލިހު ކެރިވަޑައިގަތުމާއި ސާބިތުކަމާއެކު ވިދާޅުވި ބަސްފުޅުތައް އެނަލައިޒް ކޮށްލާއިރު އެ ވިދާޅުވި އެއްޗެއް އެއްވެސް އޮޅުމެއް ނެތި އެނގޭ ކަމަށެވެ.

އެހެންވީމަ "ތަނެއް ދޮރެއް ސާފު ނުވެގެން މީހަކު އިތުރަށް ދައްކާނެ ވާހަކައެއް ނެތް" ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ ވެރިކަމަށް އައިއިރު ވީ އަހުދުތަކާއި އެއްގޮތަށް ސާބިތުކަމާއެކު އެކަން ކުރިއަށް ގެންދަވާތީ ރައީސް ސޯލިހަށް އައްސަރިބަހާ ސާބަސް ދަންނަވާ ކަމަށެވެ.

" މިއަދު އެއްގަޑިއެއްހާއިރު އެ ދެއްވި އިންޓަވިއުގައި މެދުކެނޑުމެއްނެތި ސާބިތުކޮށްދެއްވީ މަނިކުފާނުގެ ސާބިތުކަން. އެކަމަށް ޓަކައި އަޅުގަނޑު ސެލިއުޓްކުރަން." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައީސް ސޯލިހަކީ ވަކި ޕާޓީއެއްގެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ރައީސް ސޯލިހުގެ ކުރިފުޅު މައްޗަށް އަންނަ ކޮންމެ މީހަކީވެސް އެއް ހަމައެއްގައި އެއްގޮތަކަށް އަންނަ މީހަކަށް ވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް އެހީތެރިވުމުގައި ޖުމްހޫރީ ޕާޓީން އަބަދުވެސް ސާބިތުވެ އޮންނާނެ ކަމަށެވެ.