24 Jan 2019, 23:21
ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މާލޭ ހުކުރު މިސްކިތުގެ ހަރިންމާގައި ހިމެނޭ ސަރަހައްދުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސްކޭނެއް ހަދައިފި އެވެ.
އަމިއްލަ ކުންފުންޏަކުން މި މަސައްކަތް ނިންމައި މިސްކިތާ ބެހޭގޮތުން ދިރާސާ ވީޑިއޯ ޑޮކިއުމަންޓަރީއެއް ތައްޔާރުކުރުމަށްފަހު، އާޓްސް އެންޑް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންއާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
މި މަސައްކަތްކޮށްފައިވަނީ، ތިމާވެއްޓާއި ސާވޭ ކުރުމުގެ ހިދުމަތްދޭ ކުންފުންޏެއް ކަމުގައިވާ ވޯޓާ ސޮލިއުޝަންސް އިން ސީއެސްއާރުގެ ދަށުން އެ މިނިސްޓްރީއާއެކު މިދިޔަ އަހަރު ހަދައިފައިވާ އެމްއޯޔޫއެއްގެ ދަށުންއެވެ.

ހުކުރު މިސްކިތް ލޭޒާ ސްކޭންކޮށް ހަދާފައިވާ ޑޮކިއުމެންޓްރީއާ މިނިސްޓަރު ޔުމްނާއާ ހަވާލު ކުރައްވަނީ --- ފޮޓޯ/ ހެރިޓޭޖް މިނިސްޓްރީ
އެ މިނިސްޓްރީން މިއަދު ބުނީ، މި މަސައްކަތް ކުރެވިފައިވަނީ، ދެ ފާރާތްން ގުޅިގެން ހުކުރު މިސްކިތް ފަދަ ރާއްޖޭގެ މުހިންމު އާސާރީ ސަރަހައްދެއްގެ މައުލޫމާތު ގިނަ ދުވަހަށް ދެމި ހުންނާނޭ ގޮތަށް ތަޔާރުކޮށް، އެ ތަކެތި އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.
"މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ހިރިގަލުން މިސްކިތްތައް ދުނިޔޭގެ ތަރިައިގެ ލިސްޓައް އެުވުމަށް ކުރާ މަސައްކަތްތައް އަދި ހިރިގަލު މިސްކިތްތަކާ ބެހޭގޮތުން ދިރާސާ ކުރައްވާ ބޭފުޅުންނަށް ވަރަށް މުހިންމު މައުލޫމަތުތައް ލިބިގެން ދާނެ،" ތާރީހާ ސަގާފަތް ހިމާޔަތް ކުރުމަށް ރައީސް އބްރާހިމް މުހައްމަދު ސޯލިހް އަލަށް އުފެއްދެވި ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.
އާސާރީ ތަންތަން ހުންނަ ގޮތް ދެނެގަތުމަށް ލޭޒާ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން މިފަދަ ސާވޭ ކުރުމަކީ ދުނިޔޭގެ ބަޔެއް ގައުމުތަކުގައި މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ.
އެ ކުންފުނިން ހެދި ސާވޭގެ ސަބަބުން މިހާރު ހުކުރު މިސްކިތުގައި ހިރިގަލުން ހަދައިފައިވާ ތަންތަނުގެ ހުރިހާ ލިޔެކިޔުންތަކާ، ކެނޑުންތަކުގެ އިތުރުން އެހެނިހެން ތަފްސީލުތައް ކުރާހާހާލެވި، ޑިޖިޓަލްކޮށް ރައްކާ ކުރެވިފައވާި ކަމަށް އެމިނިސްޓްރީން މައުލޫމަތުދެއެވެ.

މާލޭ ހުކުރު މިސްކިތުގެ ލޭޒާ ސްކޭން --
މީގެ އިތުރުން ލަކުޑިން ހަދައިފައިވާ ތަންތަނާ، މަރާމަތުކުރަން ބޭނުންވާ ތަންތަން މިހާރު އަސްލު ހުރި ގޮތަށް ސްކޭންކޮށް ރައްކާ ކުރެވިފައިވާ ކަމަށާއި މިފަދަ މައުލޫމަތުތަކަކީ، ހުކުރު މިސްކިތް ދެމެހެއްޓެނެވި ގޮތެއްގައި މުސްތަގުބަލަށް ރައްކާކޮށް ދިނުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށް މިނިސްޓްރީން ބުނާޏެވެ.
މިއީ ލޭޒާ ސްކޭން ބޭނުންކޮށްގެން ރާއްޖޭގެ ތާރީހީ ބިނާއެއް ސާވޭ ކުރެވުނު ފުރަތަމަ ފަހަރެވެ. ޖުމްލަ ނުވަ މަސްދުވަހުގެ މި މަސައްކަތް ފެށީ މިދިޔަ މޭ މަހު އެވެ.