06 Oct 2011, 15:54
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާގައި ހެކި ހުށަހެޅުމުގެ ފުރުސަތު ނާޒިމަށް ދީފިއެވެ.
ހެކި ހުށަހެޅުމުގެ ފުރުސަތު ނާޒިމަށް ދީފައިވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީން ގަތް 15000 ދިދައިގެ މައްސަލައިގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނާޒިމުގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީން ގައުމީ ދިދަ ގަތުމަށް ޖޫން 18، 2005 ގައި އިއުލާން ކުރުމުން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާގެ މެނޭޖިން ޑިރެކްޓަރަކަށް ނާޒިމް ހުންނަވައި، ޓެކް މީޑިޔާ ސާވިސާސްގެ ނަމުގައި އެ ކުންފުންޏަށް ނޭނގި މަކަރާއި ހީލަތުން ބިޑް ހުށަހަޅާފައިވާ ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ނާޒިމްގެ ވަކީލު ރޭނީޒް މުހައްމަދު ސަލީމް ވިދާޅުވީ މި މައްސަލައިގައި ހެކި ހުށަހަޅަން ބޭނުންވާކަމަށެވެ. ނާޒިމުގެ ފަރާތުން ހެކި ހުށަހަޅަން ބޭނުން ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނަގައި ނިމުމުންކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ނަމަވެސް ގާޒީ ނާޒިމަށް އެފުރުސަތު ދެއްވީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނެގުމުގެ ކުރިން ހެކި ހުށަހެޅުމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ކިތާބީ ހެކިތައް ވަކިކޮށް ދައުލަތުން އެ ހެކިތައް ހުށަހަޅާފައިވާ ބޭނުންތައް ސާފު ކުރުން ވެސް އޮތެވެ. ދައުލަތުން އެކަންކަން ސާފު ކުރުމުން އެކަމާ ގުޅޭ ބައެއް ކަންކަން ސާފު ކުރުމަށް ނާޒިމްގެ ފަރާތުން ވެސް ގާޒީ ވަނީ ހެކިތަކާއި ގުޅޭ އިތުރު މައުލޫމާތު ސާފުކޮށްފަ އެވެ.