މާލޭ ޖަލުގައި ސިއްހީ މައްސަލަތައް ދިމާވެފައިވާ އެތައް ގައިދީންނެއް ތިބިއިރު ސިއްހީ ހިދުމަތް ދޭނެ ޑޮކްޓަރެއް ގާއިމްވެފައި ނުހުންނަ ކަމަށް ޖަލުތަކުގެ ކަން ކަން ބަލަން އުފައްދާފައިވާ ކޮމިޝަން ފޯ ޕްރިޒަން އޮޑިޓްއިން ބުނެފި އެވެ.

އެ ކޮމިޝަނުން މި ހަފްތާ ތެރޭގައި މާލޭ ޖަލަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލައި، ހާލަތު ބަޔާންކޮށް ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ސިއްހީ އެމަޖެންސީއެއް ދިމާވެއްޖެ ނަމަ ފަރުވާ ދެވޭނެ ގޮތެއް އެ ޖަލުގައި ނެތް ކަމަށެވެ.

އަދި ސިއްހީ އެމެޖިންސީ ހާލަތެއް ދިމާވެއްޖެ ނަމަ ގައިދީން ޖަލު ގޮޅިން ނެރެގެން ފަރުވާދޭ ތަނަކަށް ގެންދަން އެންމެ މަދުވެގެންވެސް 30 މިނިޓް ނަގާނެ ކަމަށް ކަމިޝަނުން ބުންޏެވެ.

"މިއީ މިފަދަ ހާލަތެއްގައި އޮންނަ މީހެއްގެ ފުރާނަ ގެއްލިދާނެ ފަދަ ހާލަތެއްކަން ފާހަގަ ކުރެވޭ،" ކޮމިޝަން ފޯ ޕްރިޒަން އޮޑިޓް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ޖަލުގެ ކެޕޭސިޓީއަށް ވުރެ އިތުރަށް ޖަލުގައި ގައިދީން ބަންދުގައި ތިބިކަން ފާހަގަ ކުރެވިފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. އެގޮތުން ދެ މީހުންގެ ޖާގައިގެ ޖަލު ގޮޅިއެއްގައި ހަތަރު މީހުން އަދި ހަތަރު މީހުންގެ ޖާގައިގެ ގޮޅިތަކުގައި 10 މީހުން ތިބިކަންވެސް ފާހަގަ ކުރެއްވިފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ބަންދަށް ގެންދެވޭ މީހުންގެ މެޑިކަލް ސްކްރީނިންގް ނުހާދާކަންވެސް ޖަލު ކޮމިޝަނުން ފާހަގަ ކުރި އެވެ. އެކަން ނުކުރަނީ އެކަން ކުރަން ތަމްރީނު ލިބިފައި ތިބި މީހުން ޖަލުގައި ނަތުމުން ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

"މާލޭ ކަސްޓޯޑިއަލްގެ ގޮޅިތަކަކީ މީހުން ބަންދުކުރުމަށް އެކަށީގެންވާ ވަރަށް ވުރެ ދަށް ހާލަތުގައި މިހާރު ހުރި ގޮޅިތަކެއްކަން ކޮމިޝަނުން ބެލި ބެލުމުން ފާހަގަކުރެވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ކަސްޓޯޑީއަލްތައް ހިންގުމާ ގުޅޭ ގޮތުން މުވައްޒަފުން ތަމްރީނު ކުރަމުން ނުދާ ކަމަށްވެސް ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ. އަދި މާލޭ ކަސްޓޯޑިއަލްގައި މުވައްޒަފުންގެ ދަތިކަމާއި ޔުނިފޯމު ފަދަ ތަކެތީގެ ދަތިކަން ހުރިކަން ކޮމިޝަނުން ފާހަގަ ކުރި އެވެ.