ސްކޫލުތަކުގެ ނާސްތާ ޕްރޮގްރާމްއާ ބެހޭގޮތުން މީސް މީޑިއާ އަދި އެހެނިހެން ވަސީލަތްތަކުން ފޮނުވަމުންދާ ސައްހަނޫން ހަބަރުތައް ނުފެތުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ގޮވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ނާސްތާ ޕްރޮގްރާމް ސްކޫލުތަކުގައި ކުރިއަށް ގެންދަނީ އެކަމަށް އެކުލަވާލައިފައިވާ ހާއްސަ ވަކި އުސޫލެއްގެ ދަށުން ކަމަށެވެ. އަދި އެ އުސޫލުގައި ދަރިވަރުންނަށް ފޯރުކޮށްދޭ ކާބޯތަކެތި ހުންނަންޖެހޭނެ ގޮތާއި އެތަކެތީގެ ތާޒާކަން ބެލޭނެފަދަ މުހިންމުކަންތައްތައް ކުރަންވީ ގޮތް ބަޔާންކުރެވިފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަދި ކާބޯތަކެތި ތައްޔާރު ކުރެވޭ ގޮތުގެ ބަޔާނެއް، އެތަކެތި ތައްޔާރުކުރާ ފަރާތުން ކޮންމެ ދުވަހަކު ސުކޫލަށް ހުށައަޅަންޖެހޭނެ ކަމަށާއި ދަރިވަރުންނަށް ފޯރުކޮށްދެވޭ ކާބޯތަކެތީގެ ތާޒާކަން، ދަރިވަރުން ބޭނުންކުރުމުގެ ކުރިން، ސުކޫލުގެ ފަރާތުން ބަލާނެ ގޮތްތައްވެސް އެ އުޞޫލުގައި ބަޔާންކުރެވިފައިވާނޭ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ނާސްތާގައި ހަލާކުވެފައި ހުންނަ ކާތަކެތި ހުންނަ ކަމަށް މީސް މީޑިއާ އަދި ބައެއް މީޑިއާތަކުން ދަނީ ފަތުރަމުންވެެ. މިނިސްޓްރީން ބުނީ އެ ފަދަ ސައްހަ ނޫން ވާހަކަތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި އަދި މިނިސްޓްރީން ބެލި ބެލުމުގައި އެފަދަ އެއްވެސް ކަމެއް ފާހަގަވެފައިނުވާ ކަމަށެވެ.

ޕައިލެޓް ޕްރޮގްރާމްއެއްގެ ދަށުން ނާސްތާ ޕްރޮގްރާމް އަދި ފަށައިފައިވަނީ އެންމެ 25 ސްކޫލެއްގައެވެ. އަދި ނާސްތާ ދެމުންގެންދަނީ ބެލެނިވެރިން އެކަމަށް އެދުމުންނެވެ. ކުދިންނަށް ނާސްތާ ތައްޔާރުކުރާނީ އެކަމަށްޓަކައި މިނިސްޓްރީ އިން ހޮވާ ކޭޓަރިން ހިދުމަތްދޭ ބައެކެވެ.

ނާސްތާ ފުރަތަމަ އެންމެ 25 ސްކޫލުގައި ދޭން ފެށިނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދެން ހުރި ހުރިހާ ސްކޫލުތަކެއްގައިވެސް ދެވަނަ ޓާމް ކިޔެވުން ފެށުމުން ނާސްތާ ދޭން ފަށާނެކަމަށެވެ.