ރާއްޖޭގައި އޮތީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްކަން ނޭނގޭ ކަމަށާއި ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމުގައި ރިޔާސީ ނިޒާމެއްގެ ސިފަތަކެއް ވެސް އަދި ބަރުލަމާނީ ނިޒާމުގެ ސިފަތަކެއް ވެސް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖޭގައި ބަރުލަމާނީ ނިޒާމުގެ ވެރިކަމެއް ބޭއްވުމަށް ތާއީދު ކުރައްވަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

"ރިޔާސީ ނިޒާމެއް ފުރިހަމައަށް ބާއްވަން ބޭނުން ނަމަ އެގްޒެކެޓިވް އަށް އިތުރު ބާރުތަކެއް ލިބެން އެބަޖެހޭ. އެހެން ނޫނީ ބަރުލަމާނީ ނިޒާމަކަށް ދާންވީ. ދެގޮތުން ކުރެ އެއްގޮތަކަށް ރަނގަޅަށް އެނގޭ ގޮތަށް ގާނޫނު އަސާސީގައި ލިޔަން އެބަޖެހޭ،"

ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ވެއްޖެ ނަމަ ކަން ކުރަންވީ ގޮތް ގާނޫނު އަސާސީގައި އެބަ އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަލަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވާ ކަމަށް ވާހަކަ ދެކެވެ އެވެ.