މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ތަޒްމީލް އަބްދުއްސަމަދު މިއަދު އައްޔަނުކޮށްފިއެވެ.

ޕްރައިވަޓަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ކުރި އިއުލާނެއްގައި ބުނީ ގއ. ދެއްވަދޫ ކަރަންކާގޭ ތަޒްމީލް އަބްދުއްސަމަދު މިއަދު އެމްޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރުކަމަށް އައްޔަނުކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރުކަމުގައި ހުންނެވި ތަޒްމީލް އެމަގާމުން ވަކިވީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އޭނާ މަސައްކަތްކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސިޔާސީ ހަރަކާތް، މައުމޫން ރިފޯމް މޫވްމަންޓާއެކުގައެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުންފުންޏެއްގެ މެނޭޖިންގް ޑިރެކްޓަރުކަމަށް އައްޔަނުކުރި އެމްއާރުއެމްގެ ދެވަނަ ފަރާތެވެ. މީގެ ކުރިން ވަނީ އެމްއާރުއެމްގައި ހަރަކާތްތެރިވާ، އަދި ކުރީގެ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއް ކަމުގައިވާ ޝަޒައިލް އަހްމަދު ޝިޔާމް، މޯލްޑިވް ގޭހުގެ މެނޭޖިންގް ޑިރެކްޓަރުކަމަށް އައްޔަނުކޮށްފައެވެ.

އެމްޓީޑީސީގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ތަޒްމީލް މިއަދު އައްޔަނުކުރި އިރު، އެ މަގާމުގައި މީގެ ކުރިން ހުންނެވީ އަބްދުﷲ ޝުޖާއުއެވެ.

އެމްޓީޑީސީއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ގޮތަށް ޓޫރިޒަމްގެ ވިޔަފާރިކުރާ ކުންފުންޏެކެވެ. އެމްޓީޑީސީއަށް ލީސްކޮށްފައިވާ ތިން ރަށެއްގައި މިހާރު ދަނީ ދެ ރިސޯޓެއް ހިންގަމުންނެވެ.

އެއީ ބ. ކިހަވައް ހުރަވަޅިއާއި ގދ. މަގުދުވާއެވެ. ބ. ކިހަވައް ހުރަވަޅީގައި ތައިލެންޑުގެ މައިނާ ހޮޓެލްސްގެ އަނަންތާރާއިން ދަނީ "އަނަންތާރާ ކިހަވައް ވިލާޒް"ގެ ނަމުގައި ރިސޯޓު ހިންގަމުންނެވެ. އަދި ތުރުކީގެ އަހްމަދު އައިދެނީޒް ކުންފުނިން މަގުދުވާގައި އަޔާދާ މޯލްޑިވްސްގެ ނަމުގައި ރިސޯޓު ދަނީ ހިންގަމުންނެވެ. މި ދެ ރިސޯޓުވެސް އެ ކުންފުނިތަކުން ހިންގަމުން ދަނީ ސަބްލީޒް މޮޑެލްގައެވެ.