25 Jan 2019, 10:22
މެންޗެސްޓާ ޔުނައިޓެޑް ފަހަތަށް ޖައްސާލުމަށް ފަހު ދުނިޔޭގެ އެންމެ މުއްސަނދި ކުލަބުގެ ޝަރަފު ރެއާލް މެޑްރިޑުން ހޯދައިފިއެވެ.
މިފަހަރުގެ ޑިލޮއިޓް ފުޓުބޯލް ރިޗް ލިސްޓުގައި ވެސް ކުލަބުތަކުގެ މާލިއްޔަތަށް ބޮޑެތި ބަދަލު ތަކެއް ވަނީ އައިސްފައެވެ. މި ލިސްޓުގެ ބޭނުމަކީ ކޮންމެ އަހަރަކުވެސް ކުލަބުތަކުން ހޯދާ އާންމުދަނީ އަޅާ ކިޔާ އެ އަހަރެއް ނިމޭ އިރު މާލީ ގޮތުން އެންމެ ބޮޑު ކުރިއެރުން ހޯދި ކުލަބުތަށް ދެނެގަނެ އާންމުންނާއި ހިއްސާ ކުރުމެވެ.
ވޭތުވެ ދިޔަ އަހަރުގެ އެންމެ މުއްސަނދި ކުލަބުގެ ޝަރަފު މެންޗެސްޓާ ޔުނައިޓެޑް ތިންވަނައަށް ޖައްސާލުމަށް ފަހު ހޯދާފައި ވަނީ ރެއާލް މެޑްރިޑްއެވެ. ދެވަނައިގައި އޮތީ އެ ޓީމާއި އެންމެ ވާދަވެރި ބާސެލޯނާއެވެ. މިއީ މި ލިސްޓު ހޮވަން ފެށިތާ 22 އަހަރުގެ ތެރޭގައި ރެއާލް މެޑްރިޑުން މި ޝަރަފް ހޯދާފައިވާ 12 ވަނަ ފަހަރެވެ.

ރެއާލް މެޑްރިޑުން ވިދި ވިދިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދާފައިވެއެވެ. -- ފޮޓޯ / ގެޓީ އިމޭޖެސް
އިނގިރޭސި ޕުރިމިއާ ލީގުގެ ހަ ކުލަބެއް ވަނީ މިފަހަރުގެ މުއްސަނދި ކުލަބުތަކުގެ ލިސްޓުގެ ގަދަ 10 ގައި ހިމެނިފައެވެ. އެގޮތުން މެންޗެސްޓަރ ޔުނައިޓެޑް ލިސްޓުގެ ތިން ވަނައިގައި އޮތް އިރު މެންޗެސްޓާ ސިޓީ އޮތީ ލިސްޓުގެ ފަސް ވަނައިގައެވެ. ހަތް ވަނައިގައި ލިވަޕޫލް އޮތް އިރު އަށްވަނައިގައި އޮތީ ޗެލްސީއެވެ. މީގެ އިތުރުން ނުވަވަނައިގައި އާސެނަލް އޮތް އިރު އެ ޓީމާއި ވާދަވެރި ޓޮޓެންހަމް އޮތީ ދިހަ ވަނައިގައެވެ.
މި ލިސްޓުގެ ގަދަ ދިހައެއްގައި އިތުރަށް ހިމެނެނީ ހަތަރު ވަނައިގައި އޮތް ބަޔާން މިއުނިކްއާއި ހަ ވަނައިގެ އޮތް ޕީއެސްޖީގެ އިތުރުން ދިހަ ވަނައިގައި އޮތް ޔުވެންޓަސްއެވެ.
މިފަހަރުގެ އެންމެ މުއްސަނދި ކުލަބުގެ ލިސްޓުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑުން ވޭތުވެ ދިޔަ އަހަރު ވަނީ 665 މިލިއަން ޕައުންޑުގެ އާންމުދަނީ އެއް ހޯދާފައެވެ. ދެވަނައިގައި އޮތް ބާސެލޯނާއަށް ހޯދިފައިވަނިީ 612 މިލިއަން ޕައުންޑެވެ.