06 Oct 2011, 15:35
ޓޮޓެންހަމް އަށް ކުޅެމުން އަންނަ ހޮލެންޑް ތަރި ރަފެއަލް ވެންޑަ ވާޓް އާންމުކޮށް ކުޅޭ މަގާމު ނޫން އެހެން މަގާމަކަށް ކުޅެން ބޭނުން ނުވާކަމަށާއި އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ބަދަލުކުރުވުމަކީ ކޯޗް ރެޑްނެޕް ހެދި ގޯހެއް ކަމަށް ވެންޑަ ވާޓް ބުނެފިއެވެ.
ޕްރެމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހު އާސެނަލް އާއި ދެކޮޅަށް ކުޅެ 2-1 ލަނޑުން ޓޮޓެންހަމް މޮޅުވި މެޗުގައި ވެންޑަ ވާޓް ބޭނުން ކޮށްފައިވަނީ ކަނާތު ފަޅިން އެޓޭކު ކުރާ ކުޅުންތެރިއެއްގެ ގޮތުގައެވެ. އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެންޑަ ވާޓް ލަނޑެއް ކާމިޔާބު ކުރި ނަމަވެސް އިދިކޮޅު ޓީމުގެ އެލެކްސް ސޯންގް ހިފެހެއްޓުމަށް ނާކާމިޔާބު ވެފައި ވެއެވެ.
"ކޮންމެ ކުޅުންތެރިއެއް ވެސް ބޭނުންވާނީ އެކުޅުންތެރިއަކަށް އެންމެ ރަނގަޅަށް ކުޅެވޭ މަގާމަކަށް ކުޅެން. އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި ކުލަބުން އަހަރެން ބޭނުން ކުރީ ކަނާތު ވިންގަށް. އެހެން ކަމުން އަހަރެންޖެހޭ އާސެނަލްގެ ޑިފެންޑަރު އެޓޭކު ކުރާއިރު، އެކުޅުންތެރިޔާގެ ފަހަތުން ވެސް ދުވަން. އެއީ އަހަރެން އަހަރެން މީގެ ކުރިން ކުޅެމުން އައި ގޮތެއް ނޫން." ވެންޑަ ވާޓް ބުންޏެވެ.
އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުގެ 64 ވަނަ މިނެޓުގައި ވެންޑަވާޓް ބާލާފައިވުމުން ހައިރާންކެމެއް ލިބިފައިވާކަމަށް ވެސް އޭނާ ބުންޏެވެ. "އެ މެޗުގައި އަހަރެން ކުޅެމުން ދިޔައީ ވަރަށް ރަނގަޅަށް. އަހަރެންނަކަށް ނޭނގޭ އަހަރެން ބާލަން ޖެހުނު ސަބަބެއް." ވެންޑަ ވާޓް ބުންޏެވެ.
ރެއާލް މެޑްރިޑުން ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ވެންޑަ ވާޓް މިދިޔަ އަހަރު ޓޮޓެންހަމް އަށް ބަދަލުވެ އެކުލަބުގެ ފޯވާޑް ލައިނުގައި އިސް ދައުރެއް އަދާކުރަމުން ދެއެވެ. ނަމަވެސް މިސީޒަނުގައި އެކުލަބަށް ޓޯގޯ ފޯވާޑް އެމަނުއެލް އަޑެބަޔޯ ގުޅުމާއި ގުޅިގެން ވެންޑަ ވާޓް ކުޅެމުން އައި މަގާމު ގެއްލިފައިވާކަން ފާހަގަ ކުރެވެއެވެ.